ގދ.ގައްދޫ ކައިރީގައި އޮންނަ ލޮނަދޫހުއްޓާގައި ހިނގި ޙާދިސާގައި ބޮޑެތި ހާނީއްކަތަކެއްވި މުހައްމަދު ފިރުޝާނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ރިސޯޓެއް ތަރައްޤީކުރަމުން އަންނަ ލޮނަދޫހުއްޓާގައި ހިނގި މިޙާދިސާ ހިނގާފައިވަނީ އެރަށުގައި ހަދަން ފަށައި ނުނިމިހުރި ވޯޓާ ވިލާއެއްގެ ސީލިންގ ވެއްޓި ފިރުޝާން އޭގެ ދަށުވެގެންނެވެ. ފިރުޝާނަކީ މަޖާކޮށްލައި ދަތުރު ދިއުމުގެ ބޭނުގައި ގދ.ގައްދޫން އެރަށް ދިޔަ ގްރޫޕެއްގައި ހިމެނޭ ޢުމުރުން 17 އަހަރުގެ ކުއްޖެކެވެ.
އެގްރޫޕުގެ ބައެއް މީހުން އެތަނުގައި ހުރި ލަކުޑިގަނޑެއްގައި ތަޅަން ފެށުމުން ސީލިންގް ވެއްޓުނުއިރު ފިރުޝާން ހުރީ އެތަނުގެ އެތެރޭގައިކަމެއް އެމީހުން ނޭނގޭކަމަށާ، ޙާދިސާއަށްފަހު އޭނާ ހުރިތަނެއް ބަލަން ގޮވައި ހެދިކަމަށް އެތަނުގައި ހުރި އެއްކަކާ ޙަވާދީ މަޢުލޫމާތު ލިބެއެވެ.
ފިރުޝާންއާއި އެކު މިދަތުރުދިޔައީ 4 ކުއްޖެކެވެ. އޭނާ ހޯދަމުންދަނިކޮށް ސީލިންގގެ ދަށުން އޭނާގެ ބޯ ފެނުނުކަމަށް އެކުދިން ކިޔާދިނެވެ. އަދި 4 ކުދިންވެގެން ފިރުޝާންގެ ގައިމަތީގައި އޮތް ސީލިންގް ނެގޭތޯ ބަލަމުން ދިޔަ ކަމަށާއި ނަމަވެސް އެ ހިއްލާލެވުނީ ކިރިޔާ ފިރުޝާން ނެރެވޭ ވަރަށް ކަމަށް އެކުދިން ކިޔާދީފައިވެއެވެ. ދަގަނޑުން ހަދާފައިވާ އެ ސީލިންގްގެ ދަށުން ނެގިއިރު ފިރުޝާންގެ ހޭ ހުރިކަމަށް މައުލޫމާތުލިބެއެވެ.
ހާދިސާ ހިނގުމުން އެންމެ ފުރަތަމަ އެކުދިން ގުޅީ ގދ.ގައްދޫގައި ތިބި ފުލުހުންނަށް ކަމަށް މައުލޫމާތުލިބެއެވެ. އަދި ވަރަށް އަވަހަށް ފުލުހުން އައިސް އެހީފޯރުކޮށްދީފައިވެއެވެ. ފިރުޝާން ގައްދޫ ސިއްޙި މަރުކަޒަށް ގެންގޮސްފައިވަނީ ހާދިސާ ހިނގިތާ ގަޑިއިރެއް ފަހުންކަމަށާއި އިތުރު ފަރުވާ ދެވޭނެ ގޮތެއް ނެތުމުން ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު ފިރުޝާންއަށް އަންނަނީ އޭޑީކޭގެ ހައި ޑިޕެންޑެންސީ ޔުނިޓްގައި ފަރުވާދެމުންނެވެ.
ލޮނަދޫހުއްޓާއަކީ 2005ވަނަ އަހަރު ރިސޯޓެއް ތަރައްޤީ ކުރުމަށް 35 އަހަރުގެ މުއްދަތައް ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސްއަށް ދޫކޮށްފައިވާ ރަށެކެވެ. މަޝްރޫއުގެ މެދުތެރެއިން ހުއްޓިފައި އޮންނަތާ މިހާރު ދުވަސްތަކެއްވެފައިވާއިރު މިތަން ވަނީ ވަރަށް ބޮޑަށް ވިރާނާވެފައިކަމަށް މައުލޫމާތު ލިބެއެވެ. އަދި މިތަނަކީ ކައިރި ރަށްރަށުން ޒުވާންޢުމުރުގެ ކުދިން އާއްމުކޮށް ދަތުރުދިއުމަށް ބޭނުންކުރާ ރަށެއްކަމަށް މަޢުލޫމާތުލިބެއެވެ.