މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ނަންބަރުތަކުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޔޫކްރެއިންގެ މާކެޓްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ޔޫކްރެއިންގެ މާކެޓް ވަނީ %197.3 ކުރިއެރުމެއް ހޯދާފައެވެ.
ކޯވިޑް19 އަށްފަހު ކުރިން ރާއްޖެއަށް ފަތުރުވެރިން ނާންނަ ބައެއް ސަރަހައްދުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވާންފަށާފައެވެ. އޭގެތެރޭގައި ޔޫރަޕާއި އޭޝިޔާގެ ބައެއް ސަރަހައްދުތައްވެސް ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް އެންމެ ބޮޑު ރިކަވަރީއެއް އައިސްފައިވަނީ ޔޫކްރެއިންގެ މާކެޓުންނެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި އެމާކެޓުން ރާއްޖެއަށް އައިސްފައިވަނީ 2593 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރު މި އަދަދު ވަނީ 7709 އަށް އިތުރުވެފައެވެ. އިންސައްތައިން ބަލާނަމަ މިއީ 197.3 އިންސައްތައިގެ ކުރިއެރުމެކެވެ. ޔޫކްރެއިނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެފައިވާއިރު އެ ޤައުމާއި ރާއްޖެއާއި ވަނީ ސީދާ ދަތުރުތަކުން ގުޅާލާފައެވެ.
މި މުއްދަތުގެ ތެރޭގައި ދެން އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ކަޒަކިސްތާންގެ މާކެޓަށެވެ. 2020 ވަނަ އަހަރު ކަޒަކިސްތާނުން ރާއްޖެއަށް 1795 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މި އަހަރު %172.7 ކުރިއެރުމަކާއިއެކު 4895 ފަތުރުވެރިން ވަނީ އައިސްފައެވެ.
ރޯމޭނިއާ މާކެޓަކީވެސް މިއަހަރު ބޮޑު ކުރިއެރުމެއް ހޯދި މާކެޓެކެވެ. އެޤައުމުން ރާއްޖެއަށް 2020 ވަނަ އަހަރު އައިސްފައިވަނީ 2185 ފަތުރުވެރިންނެވެ. ނަމަވެސް މި އަހަރު ރޯމޭނިޔައިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ %104.6 ގެ ކުރިއެރުމެއް ހޯދާފައެވެ. އެއީ ޖުމްލަ 4470 ފަތުރުވެރިންނެވެ.
މިއަހަރު ރާއްޖެއަށް ޖުމްލަ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒުހިފާފައިވާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 105،371 ފަތުރުވެރިން ވަނީ އައިސްފައެވެ.