ދުނިޔެ

ޖޮންސަންގެ ވެކްސިން ބޭނުންކުރުމުގެ ޙުއްދައަށް އެދިއްޖެ


ޖޮންސަން އެންޑް ޖޮންސަނުން އުފައްދާފައިވާ ކޯވިޑް-19 ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދައަށް އެދި އެމެރިކާގެ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެންމެ ޑޯޒެއް ހިމެނޭ ޖޮންސަން އެންޑް ޖޮންސަން ވެކްސިންގެ ތިންވަނަ މަރުހަލާގެ ނަތީޖާތަކުން ވައިރަހާއި ދެކޮޅަށް އެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 66 އިންސައްތަކަމަށްވަނީ ދައްކާފައެވެ. އެމެރިކާގައި އެ ވެކްސިން ބޭނުންކުރުމުގެ ޙުއްދައަށް އެދި އެ ޤައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން، އެފްޑީއޭއަށް ޖޮންސަން އެންޑް ޖޮންސަންގެ ފަރާތުން މިހާރު އެދިފައިވާއިރު، ވިލާތުގެ ޤައުމުތަކުގައިވެސް ވެކްސިން ބޭނުންކުރުމުގެ ޙުއްދައަށް އެކުންފުނިން ވަރަށް އަވަހަށް އެދޭނެއެވެ.

އެމެރިކާގެ އެފްޑީއޭއިން ބުނީ ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިނާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެ އިދާރާގެ ވެކްސިންސް އެންޑް ރިލޭޓެޑް ބައޮލޮޖިކަލް ޕްރޮޑަކްޓްސް އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމެއް މި މަހުގެ 26ވަނަ ދުވަހަށް ތާވަލުކޮށްފައިވާކަމަށެވެ.

މީގެ ކުރިން ފައިޒާއާއި ބަޔޯއެންޓެކު ކުންފުނިން އުފައްދާފައިވާ ވެކްސިނާއި މޮޑާނާއިން ތައްޔާރުކުރި ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ދީފައިވަނީ އެ ވެކްސިންތަކާއި ގުޅޭ ކޮމިޓީ ބައްދަލުވުން ބޭއްވުން ބޭއްވިތާ އެއް ދުވަހުގެ ތެރޭގައެވެ.

ކޯވިޑާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ އެހެން ވެކްސިންތަކާއި ޚިލާފަށް ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިންގައި ހިމެނެނީ ވެކްސިންގެ އެންމެ ޑޯޒެއްކަމުން، އެ ވެކްސިނަށް ޙުއްދަ ލިބިއްޖެނަމަ އެމެރިކާގައި މިހާރު ކުރިއަށްދާ ވެކްސިން ދިނުމުގެ މަޝްރޫޢުގެ މަސައްކަތްތައް އަވަސްވެ، އިތުރަށް ފަސޭހަވާނެއެވެ. ވައިރަހުގެ ވާރުތަވުމުގެ ބާރު ގަދަ އައު ވައްތަރުތައް ދުނިޔޭގެ އެކި ސަރަޙައްދުތަކުން ފެންނަމުންދާ މި ދަނޑިވަޅުގައި ގިނަ ބަޔަކަށް އަވަހަށް ވެކްސިން ދެވުމަކީ ބޮޑު ކުރިއެރުމަކަށް ވެގެން ދާނެއެވެ.

އެމެރިކާއިން މިހާރުވެސްވަނީ ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިންގެ 100 މިލިއަން ޑޯޒް ގަތުމަށް އެ ކުންފުންޏަށް އެއް ބިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް އެއްބަސްވެފައެވެ. އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި އެ ޑޯޒްތައް ސަރުކާރާއި ޙަވާލުކުރާނެކަމަށް ޖޮންސަން އެންޑް ޖޮންސަނުންވަނީ ބުނެފައެވެ. ޖޮންސަން އެންޑް ޖޮންސަނުން ވެކްސިންގެ އިތުރު 200 މިލިއަން ޑޯޒް ގަތުމުގެ އިޚްތިޔާރުވެސް އެމެރިކާއަށް ލިބިގެންވެއެވެ. ޖޮންސަން އެންޑް ޖޮންސަނުން ބުނީ ކުއްލި ޙާލަތުގައި ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ލިބުމާއިއެކު އެކި ސަރަޙައްދުތަކަށް ފޯރުކޮށްދިނުމަށް ވެކްސިން ތައްޔާރަށް ހުރިކަމަށެވެ.