ޚަބަރު

އައްޑޫ ސިޓީގައި ހިންގަން ނިންމި މަޝްރޫޢޫތަކަށް ފައިސާގެ އެއްވެސް ދައްޗެއް ނެތް: ފިނޭންސް މިނިސްޓަރ


އައްޑޫ ސިޓީގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ހުރިހާ ޕްރޮޖެކްޓްތަކުގެ ފައިސާ ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވާފައިވާ ކަންތައްތަކާ ގުޅޭ އިތުރު މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން ކުރިޔަށްގެންދާ ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫ ސިޓީ ސިޓީއެއްގެ ގޮތުގައި ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ. އައްޑޫ ސިޓީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫއުއަކީ އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އައްޑޫ ސިޓިއަށް، އެއީ ހަމަ ސިޓީއެއްގެ ގޮތުގައި، ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު. އަޅުގަނޑުމެނަށް އެފަންޑުގެ އެއްވެސް އުނދަގުލެއް ނެތް. އަޅުގަނޑުމެންނަށް އެ ފަންޑްސް ހަމަ ޖެހިފަ އޮތީ" މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ އިތުރުން ދެން ހުރި މަޝްރޫޢުތަކުގެ މަސައްކަތްވެސް މިއަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި ފެށޭތަން ރައްޔިތުންނަށް ފެނިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަސައްކަތްތައް ކުރިޔަށް އޮތް 6 މަހުގެ ތެރޭގައި ހަވާލުކުރެވޭނެކަމަށް ވިދާޅުވެފައެވެ. މި މަޝްރޫޢުތަކާއެކު އައްޑޫގެ ރައްޔިތުންނަށް ސަރުކާރުން ވީ ވައުދު ފުއްދާނެކަމުގެ ޔަޤީންކަން ލިބިގެންދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ނިމޭއިރު އައްޑޫގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ސާމާނާއި މެޝިނަރީޒް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އެސިޓީއަށް ގެންގޮސްފައެވެ. އަދި އައްޑޫ ސިޓީގެ ރަށްރަށުގެ ބަނދަރު ހެދުމާއި އައްޑޫގެ ޓަރޝިއަރީ ހޮސްޕިޓަލް ސްޕެޝަލައިޒްކުރުމާއި އައްޑޫ އިންޓަރނޭޝަނަލް ދެ ޕޯޓު އިތުރަށް ތަރައްޤީކުރުމާއި އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މި ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތްވެސް މިއަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވި މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ސަރުކާރުންވަނީ ދެއްވާފައެވެ.