ޚަބަރު

އިންސާނީ ވަގުފާރި ހުއްޓުވުމަށް ޤާއިމްކުރާ އޮފީހުގެ މަސައްކަތް މިއަހަރުތެރޭގައި ފެށޭނެ


އިންސާނީ ވަގުފާރި ހުއްޓުވުމަށް ޤާއިމްކުރާ އެންޓި-ޓްރެފިކިން އިން ޕާސަންސް އޮފީހުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރަށް މަޖިލިސް ހުޅުއްވާދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ އިޖްތިމާއީ ދާއިރާގައި މައްސަލަތައް ޙައްލުކުރުމަށް ވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފާހަގަކުރެވުނު އެފަދަ އެއްކަމަކީ، އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ޞައްޙަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކޯވިޑް-19 ގެ މި ޙާލަތުގައި މިކަން ވަރަށް ބޮޑަށްވަނީ ފާހަގަވެގެންގޮސްފައެވެ. ޞައްޙަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލައަކީ ޙައްލުނުވެ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމަށާއި، މިއީ ބައެއްގެ އިހުމާލުން ހިންގާފައިވާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަ ކުރައްވާފައެވެ.

" ބަޔަކު ޤަޞްދުގައި ހިންގާފައި އޮތް މިބޮޑު ޖަރީމާ ތަކުރާރުވިޔަ ނުދިނުމަށް މިއަންނަނީ ފިޔަވަޅުތަކެއް އަޅަމުން. އެފަދަ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގްރާމުގައި މިހާތަނަށް 41000 ބިދޭސީއަކު، އަމިއްލައަށް އެދިގެން ރެޖިސްޓްރިވެއްޖެ. އަދި ޞައްޙަ ލިޔެކިއުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ޤައުމަށް އެނބުރާ ފޮނުވައިދެވިއްޖެ. އަދި ލިޔެކިއުންތައް ހުރި 8000 އަށްވުރެ ގިނަ ބިދޭސީންވެސް، އެމީހުންގެ އެދުމުގެމަތިން މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް ފުނުވައިދެވިއްޖެ. މި ޕްރޮގްރާމް މިއަހަރުވެސް ކުރިއަށްދާނެ" ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙް ވިދާޅުވިއެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމަށް ރާއްޖޭގައި މިހާރު ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެތެރެއިން އެންޓި-ޓްރެފިކިން އިން ޕަރސަންސް އޮފީހެއް ޤާއިމުކުރުމުގެ މަސައްކަވެސްތް މިއަހަރުގެތެރޭގައި ކުރިއަށް ދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންސާނީ ވަގުފާރިއަކީ ނުވަތަ ހިއުމަން ޓްރެފިކިންގް އަކީ މީހުންގެ ނުރުހުމުގައި ގަދަކަމުން އެމީހުންލައްވާ ތަފާތު އެކި މަސައްކަތް ކުރުވުމާއި، މީހުން އަޅުވެރިކުރުވައި އެމީހުންގެ ކިބައިން މަންފާތައް ހޯދުން ހިމެނިގެންވާ ލާއިންސާނީ އަމަލެކެވެ. މީހަކަށް މަޖުބޫރުކޮށްގެން ނުވަތަ އޮޅުވާލައިގެން މީހަކު ގެންގުޅުމާއި، އެފަދަ ގޮތަކަށް މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، އަދި މިނޫންވެސް އަޅުވެތިކުރުން ކަމަށް ބެލެވޭފަދަ ގޮތްގޮތައް މީހުންނާމެދު އަމަލުކުރުމަކީ އިންސާނީ ވަގުފާރީގެ އަމަލުތަކުގެ ގޮތުގައި ބެލެވިގެންދާ ކަންކަމެވެ.

ދުނިޔޭގެ ފެންވަރުގައި ނެގިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، ދުނިޔޭގައި އަހަރެއްގެ މައްޗަށް 30 އެތައް ބިލިއަން ޑޮލަރު ދައުރުވެގެންދާ ބޮޑު އިސްޑަސްޓްރީއަކަށް މި ލާއިންސާނީ ޢަމަލު ވަނީ ވެފައެވެ.