ޚަބަރު

2 މަހެއްހާދުވަހުގެ ތެރޭގައި އެސްޓްރާޒެނެކާގެ ވެކްސިން ރާއްޖެއަށް ލިބޭނެ


2 މަހެއްހާދުވަހުގެ ތެރޭގައި އެސްޓްރާޒެނެކާގެ ވެކްސިން ރާއްޖެއަށް ލިބޭނެކަމަށް ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ މިއަދު ކުރިޔަށްގެންދާ ކޯވިޑް-19ގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައެވެ.

ރާއްޖޭގައި މިއަދު ޖަހަން ފަށާފައިވަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ސެރަމް އިންސްޓިޓއުޓްގެ ކޮވިޝީލްޑް ވެކްސިންއެވެ. ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ވެކްސިން ރާއްޖެ އަންނާނެ ދުވަހަކާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ކުރިޔަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެސްޓްރާޒެނެކާގެ ވެކްސިން ރާއްޖެއަށް ލިބެން ފަށާނެކަމަށެވެ. އަދި މި ވެކްސިން ލިބޭނީ ބައިބަޔަށް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހެލްތް މިނސްޓަރ ވިދާޅުވީ އެސްތްރާޒެނެކާގެ ވެކްސިންގެ އިތުރުން ޑަބްލިއުއެޗްއޯގެ ވެކްސިންއާއި ފައިޒާގެ ވެކްސިންވެސް ރާއްޖެއަށް ކުރިޔަށް އޮތްތާނގައި ލިބޭނެކަމަށެވެ. އަދި އިތުރު ވެކްސިންތަކުގެ މައުލޫމާތުވެސް ސަރުކާރުން ހޯދަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރަނގަޅު ވެކްސިންއެއްނަމަ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ.

އެސްޓްރާޒެނެކާގެ ވެކްސިންއަކީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީ ގުޅިގެން އުފައްދާ ކޯވިޑް-19ގެ ވެކްސިންއެކެވެ. އަދި މި ވެކްސިންގެ 7 ލައްކަ ޑޯޒު ގަތުމަށް ރާއްޖެއިން އެ ކުންފުންޏާއެކު އެއްބަސްވެފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައިވަނީ ނިމިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ.

މިވެކްސިނަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ ރައްކާތެރި އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރެއެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އިލްތިމާސްއަކީ ހުރިހާ ރައްޔިތުންނަށްވެސް، މި އަޅުގަނޑުމެން އެންމެންގެ ކަމެއްގެ މި ބަލި ކޮންޓްރޯލް ކުރުމަކީ. މިހާރު މިއަދުވެސް މިހިސާބަށް އައިއިރު 136 މީހުން ޕޮޒިޓިވްވެފަ އެބަވޭ. މި ވަރަށް ބޮޑު ކަންބޮޑުވުމެއް. އެހެންވީމަ މި ވެކްސިންއިން އަޅުގަނޑުމެންނަށް ކޮންމެސް ކަހަލަ ރައްކާތެރިކަމެއް ލިބޭނެ. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި އެންމެންގެ މަސްއޫލިއްޔަތެއް ކަމަށް ހަދައިގެން އެންމެންނަކީވެސް މިއަށް ހިއްސާވާ ބަޔަކަށް ހަދައިގެން ހަމަ އެންމެންވެސް މީގަ ބައިވެރވެވަޑައިގެން ވެކްސިން ހެއްސެވުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އެދުން." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިއަދު ކޯވިޑް-19ގެ ވެކްސިން ޖަހަންފަށާފައިވާއިރު މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މަސައްކަތްޕުޅުން ލިބުނު ކާމިޔާބީއެއްކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ވެކްސިންގެ ކަންކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އެމަނިކުފާނު ހޯއްދަވާ، ބައްދަލުވުންތައް ކުރިޔަށް ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައި ވެކްސިންގެ ކަންކަން ކުރިއަށް ގެންދިއުމުގެ ކަންކަމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ އުއްމީދަކީ ދުވާލަކު ދިހަ ހާސް މީހުންނަށް ވެކްސިންދިނުމުގެ ކަންކަން އިންތިޒާމް ވެގެން ދިއުންކަމަށެވެ.

"ކުރިޔަށް މިއޮތްތަނުގައި އަޅުގަނޑުމެން ރާއްޖެތެރޭގެ ހުރިހާ ރަށެއްގައިވެސް މި ޕްރޮގްރާމް ހިންގާނަން. ހެލްތް ފެސިލިޓީސްތައް ބޭނުންކޮށްގެން މިކަން ކުރާނީ. ދެން މިކަންތައް ރާވައި ހިންގުމުގައި ވަކި ސެކްޝަންއެއް އޮންނާނެ. އެ ސެކްޝަންއިން ރާވާ ގޮތައް ގެންދާނީ. އުންމީދުކުރަން ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވާ ޓާގެޓް އެއީ ދުވާލަކަށް 10 ހާސް މީހުން ވެކްސިނޭޓް ކުރެވޭނެ މަގުފަހިވުން. އެއީ އަޅުގަނޑުމެންގެ އުންމީދަކީ. އިރާދަކުރެއްވިއްޔާ މިކަންތައްް ރަނގަޅަށް ކުރިޔަށް ގެނދެވޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެކަން ހާސިލ ކުރެވޭނެ." ހެލްތް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރވެސް ވަނީ ރާއްޖޭގައި ޖަހަން ފަށާފައިވާ ކޮވިޝީލްޑް ވެކްސިނަކީ ހަދަންޖެހޭ ހުރިހާ ދިރާސާތައް ހެދުމަށްފަހު ޖަހަންފަަށާފައިވާ ވެކްސިންއެއްކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކުރިޔަށް އޮތްތާނގައިވެސް ކުރަންޖެހޭ ހުރިހާ ދިރާސާތައް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް 3 ނުވަތަ 4 މަސް ހޭދަވާނެކަމަށް ބެލެވޭ ކަމަށް މިނިސްތަރ ވިދާޅުވިއެވެ.