ޚަބަރު

ޝަބީނާގެ މަޤާމުގެ ފަތްކޮޅު ސަރބިއާގެ ރައީސަށް އަރުވައިފި


  • ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބޭއްވެވީ ބެލްގްރޭޑްގެ ޕެލެސް ސަރބިއާގައި

  • ދެޤައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެކަމަށް ސަފީރު ވިދާޅުވި

ދިވެހިރާއްޖެއިން ސަރބިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސަރބިއާގެ ރައީސް ހިޒް އެކްސަލަންސީ އެލެކްސެންޑަރ ވުޗިޗް އަށް މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑްގައި ހުންނަ "ޕެލެސް ސަރބިއާ" ގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަރބިއާގެ ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ސަފީރު އާމިނަތު ޝަބީނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސަރބިއާ ގެ ރައީސްއަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އިން ސަރބިއާއަށް ކަނޑައަޅުއްވާފައިވާ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އުފެދެމުންދާ ގާތް ގުޅުމަށް ރިޢާޔަތްކުރައްވައި، މި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އެކަމަނާ މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އަރުވާފައިވެއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އެކި ޤައުމުތަކުން ސަރބިއާ އަށް ކަނޑައަޅާފައިވާ ނޮން-ރެޒިޑެންޓް ސަފީރުންގެ ޝަރަފުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލެންސީ މާރކޯ ޑުރިޗް ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ސަފީރު ޝަބީނާ ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ސަރބިއާ ގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޭޝިއާ، އޮސްޓްރޭލިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް ގެ ހެޑް، މިސް އެލޭނާ މާރކޮވިޗް އާ ބައްދަލުކުރައްވާފައިވެއެވެ. އަދި މި ބައްދަލުވުންތަކުގެ ތެރޭގައި ތަޢުލީމާއި ފަތުރުވެރިކަމާ އަދި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއިން ސަރބިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާގެ އަރިހުގައި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ، އަލްފާޟިލް ސައިފުﷲ ވަލީދު ބައިވެރިވެވަޑައިގެންފައިވެއެވެ.