ކޯވިޑް-19

ކޯވިޑް-19 : އިތުރު 105 މީހަކު ޕޮޒިޓިވް، އައި.ސީ.ޔޫގައި 6 މީހަކަށް ފަރުވާދެނީ


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 105 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 105 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 88 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 4 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 12 މީހަކު އަދި ސަފާރީތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައިވެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 15،841 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 43 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 14،139 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،644 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 163 މީހުންނަށެވެ.

ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ބަލާލާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައި.ސީ.ޔޫގައި 6 މީހަކަށް ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 2 މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރަށް ލައިގެންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައި 5 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 147 މީހަކަށް ފަރުވާދެމުންދާއިރު، ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީގައި އެކަކަށް، ލ. ގަމު ކޯވިޑް ފެސިލިޓީގައި 2 މީހަކަށް އަދި ފުވައްމުލައް ކޯވިޑް ފެސިލިޓީގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 2،600 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 410،006 ސާމްޕަލްވަނީ ނަގާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 88 އަހަރުގެ ފިރިހެނެއްވަނީ މި ބަލީގައި ނިޔާވެފައެވެ. މިއާއެކު މި ބަލީގައި ރާއްޖޭން ނިޔާވި މީހުންގެ އަދަދު މިވަނީ 52 މީހުން ވަނީ ނިޔާވެފައެވެ. އެއީ 44 ދިވެހިންނާއި، 8 ބިދޭސީންނެވެ.