ކޯވިޑް-19

ކޯވިޑް-19 : ޕޮޒިޓިވްވާ ޢަދަދު 100 އިން މަތީގައި ހުންނަތާ ހަފްތާއެއް، ގިނައީ މާލޭ ސަރަޙައްދުގައި


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 122 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 122 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 90 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 4 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 25 މީހަކު އަދި ސަފާރީތަކުން 3 މީހުން ވަނީ ޕޮޒިޓިވްވެފައިވެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 15،736 އަށް އަރާފައެވެ. އެޗް.ޕީ.އޭއިން ކޮންމެ ދުވަހަކު ހާމަކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިވަނީ އިތުރުވާން ފަށާފައެވެ. ދުވާލެއްގެ މައްޗަށް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 50 އިން މަތީގައި ހުންނަތާ ހަފްތާއެއްފަހުން މިމަހުގެ 24 އިން ފެށިގެން ދުވާލެއްގެ މައްޗަށް ބަލިޖެހިގެން ރިޕޯޓްކުރާ މީހުންގެ ޢަދަދު މިވަނީ 100 އިން މައްޗަށް އަރާފައެވެ. އެގޮތުން މިއަދަށް މިއީ 7 ވަނަ ދުވަހެވެ. ރާއްޖޭގައި ފަހަކަށް އައިސް މި ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ މާލޭ ސަރަހައްދުން ޕޮޒިޓިވްވާ މީހުންނާއި، ރިސޯޓު މުވައްޒަފުންނާއި ފަތުރުވެރިންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 32 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 14،096 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،582 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 152 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،535 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު މިބަލި ދެނެގަތުމަށް ޖުމްލަ 407,145 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 51 މީހުން ވަނީ ނިޔާވެފައެވެ. އެއީ 43 ދިވެހިންނާއި، 8 ބިދޭސީންނެވެ.