ޚަބަރު

ދުވާލުގެ ވަގުތު މަގު ބަންދުކޮށްގެން ޢިމާރާތްކުރުމުގެ މަސައްކަތް ނުކުރެވޭގޮތް ހަދައިފި


މަގު ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތްކުރެވޭނީ ރޭގަނޑުކަމުގައި ހަމަޖައްސައިފިއެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި ގެނައި ބަދަލާއިއެކު މަގު ބަންދުކޮށްގެން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހުއްދަ ދޫކުރާނީ އިރުއޮއްސި 06:00 އިން ފެށިގެން ރޭގަނޑު 12:00އާ ހަމައަށް ކަމަށެވެ.

ސިޓީ ކައުންސިލުން މިބަދަލު ގެނެސްފައިވަނީ މާލޭގެ މަގުތަކުގައި މުދާ އުފުލޭ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ގެނައި ބަދަލާ ގުޅިގެންނެވެ. ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ކުރިން ދުވާލުގެ ވަގުތުގައި މަސައްކަތް ކުރުމަށް މަގު ބަންދުކުރުމުގެ ހުއްދަ ދޭންފެށީ ކޮވިޑްގެ ޙާލަތާ ގުޅިގެން، ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރިއަށްގެންދިއުމަށްކަމަށެވެ. ނަމަވެސް މިހާރު ސްކޫލްތަކާއި އޮފީސްތައް ހުޅުވުމާއި ގުޅިގެން، ދުވާލުގެ ވަގުތުގައި މަގު ބަންދުކުރާނަމަ ބޮޑެތި ދަތިތައް ކުރިމަރިވާކަމަށެވެ.

"ހުއްދަ ދޫކުރަން އެބަޖެހޭ މަގު ބަންދުކޮށްގެން މަސައްކަތް ކުރެވޭގޮތަށް. މަގުތައް ކުދިވެފައި ދަތިވީމަ މަގު ބަންދުނުކޮށް ކުރެވޭކަށް ނޯވެ. އިމާރާތްތައް ހަދަން އެބަޖެހޭ. އެހެންވީމާ ކައުންސިލްގައި މަޝްވަރާކޮށްފައި ގަޑިއެއް ކަނޑައެޅީ މި."ޝަމާއު ޝަރީފް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކޮންސްޓަކްޝަން މަސައްކަތަށް ބޭނުންވާ މުދާ އުފުލޭ ވަގުތައް ބަދަލުވެގެނެސްފައިވަނީ، ސްކޫލްތައް ހުޅުވުމާއި ގުޅިގެން މަގުތަކުގެ ތޮއްޖެހުން ވީހާވެސް ކުޑަކޮށް ޢާއްމުންނަށް ފަސޭހަކުރުމުގެ ގޮތުންނެވެ. މިހާރުވަނީ މިފަދަ މުދާ އުފުލޭނެ ޚާއްސަ ގަނޑިތަކެއް ކަނޑައަޅާފައެވެ.

އެގޮތުން މާލެއާއި ހުޅުމާލެއަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި ޢިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 6:00އިން ހެނދުނު 6:00އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މިނޫން ވަގުތުގަކުގައި މިފަދަ މުދާ އުފުލުމަކީ މަނާކަމެކެވެ.

އިމާރާތްކުރުމުގެ ދާއިރާގެ ރައްކާތެރިކަން އިތުރުކުރުމަށް، ސިޓީ ކައުންސިލުންދަނީ ކޮންސްޓަރކްޝަން ސައިޓްތައް އިންސްޕެކްޓްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަމުންނެވެ.