ޚަބަރު

ވާތަކުގައި ތާށިވެ ކަނޑުގެ ބޮޑެތި ދިރުންތައް ނުރައްކަލެއްގައި


އުޅަނދުފަހަރު އެޅުމަށްޓަކާ މޫދުގައާއި ކަނޑުގައި އަޅާ ވައުތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންވާތީ ވައުތައް އެޅުމުގައި ސަމާލުވުމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މިފަހަކަށް އައިސް އުޅަނދުފަހަރު އެޅުމަށްޓަކައި، މޫދުގައި އަޅާ ވައުތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދާ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން މަޑީގެ ހުރިހާ ބާވަތެއް 16 ޖޫން 2014 ގައި ވަނީ ހިމާޔަތްކޮށްފައެވެ. މި ދިރުންތައް ހިމާޔަތްކޮށްފައިވަނީ ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުންނެވެ. އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީގޮތުން މުހިންމު ދިރުންތަކެކެވެ.

ރާއްޖެއިން ފެންނަ އެންމަޑީގެ ދެ ބާވަތަކީވެސް (އިންޓަރ ނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗާ) އައި.ސީ.ޔޫ.އެން ގެ ރެޑް ލިސްޓުގައި (ވަލްނަރަބަލް) ނާޒުކު ދިރުންތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ދިރުންތަކެކެވެ. މި ދިރުންތަކާއި އޭގެ މާހައުލު ހިމާޔަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ލިބިގެން ނޫނީ މިފަދަ ކަންކަން ހައްލެއް ނުކުރެވޭނެއެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކުގެ ތެރެއިން އެންމަޑިފަދަ ދިރުންތަކަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއެކު ފަތުރުވެރިކަން ކުރިއެރުވުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ދިރުންތަކެކެވެ. އެހެންކަމުން އެތަކެއްޗަށް ގެއްލުން ނުވާނެހެން ކަންކަން ކުރުމަކީ ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ފަރުދީގޮތުންވެސް ކުރެވޮދާނެ މުހިންމު ކަމެކެވެ.

އުޅަނދުފަހަރު އެޅުމަށްޓަކައި، މޫދުގައި އަޅާ ވައުތަކުގައި ތާށިވެ އެންމަޑިފަދަ ކަނޑުގެ ދިރުންތަކަށް ގެއްލުންވަމުންދާއިރު، ރާއްޖޭގެ ރަށްތައް ގިރުމުން ސަލާމަތް ކުރުމަށް ގުދުރަތީގޮތުން އުފެދިފައިވާ ފަރުތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށްޓަކައި ފަރުތަކަށް ނަގިލި އެއްލުމާއި ފަރުތަކަށް ގެއްލުންވާފަދަ ކަންތައްތައް ނުކުރުމަކީވެސް ކުރެވިދާނެ މުހިންމު ކަމެކެވެ.