ސިޔާސީ

ރައީސްގެ ފަހަތްޕުޅަށް އެރުއްވީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން


ސަރުކާރާއި ދެކޮޅަށް ނިކުމެގެން އެއްވެސް ބަޔަކަށް ކުރިއެރުމެއް ނުލިބޭނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދިން ހަމަލާއަށްފަހު ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅަށް އެރުއްވީ ޤައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.ޤާސިމް މިހެން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.ރައީސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލުމަށްދިން ނުރައްކާތެރި ހަމަލާއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށާއި، ނަމަވެސް ރައީސް ކަމުގައި ހުންނަވާ ބޭފުޅަކު އަވަހާރަކޮށްލައިގެން ވެރިކަމަށް އައުމަށް ދުވަހަކުވެސް ތާއީދު ނުކުރައްވަވާނެ ކަމަށެވެ.ޤާސިމް ވިދާޅުވީ، ސަރުކާރާއި ދެކޮޅަށް މަސައްކަތްކޮށްފި ނަމަ ރައްޔިތުން އިތުރަށް ނިކަމެތިވެ އަނިޔާ ލިބޭނެކަމަށެވެ. އަދި ގައުމުގެ ވެރިއަކަށް ހުންނަ ބޭފުޅާ އަވަހާރަ ކޮށްލަން ހަމަލާދޭ ދަރަޖަ އަށް ދިޔުމުން، ސިޔާސީ ފިކުރު އެއްފަރާތްކޮށްފައި ގައުމީ ކަމެއްގެ ގޮތުގައި ނުކުންނަން ޖެހޭކަމަށާއި، ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ހުރިހާ ބާރެއް ލައިގެން ސަރުކާރާ އެކުގައި އެންމެން ވެސް މަސައްކަތް ކުރުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.ރާއްޖޭގައި އިންވެސްޓްކުރުމަށް ބޮޑެތި އިންވެސްޓަރުން އަންނާނީ ގައުމުގައި ސަލާމަތްކަން އޮވެގެން ކަމަށާއި، ރައީސަށް އަމާޒުކޮށްގެން ދިން މި ހަމަލާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި  މިފަދަ ދަނޑިވަޅެއްގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމުގެެ ބަދަލުގައި ސަރުކާރަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރަންޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.ގާސިމް ވިދާޅުވީ މިފަދަ ހަމަލާއަކީީ ގައުމެއްގެ ހަޔާތުގައި ބަޔަކު ހިންގާނެ އެންމެ ފިނޑި އަމަލުތަކުގެ ތެރޭގައި ހިމެނޭ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އެކަމުގައި ބައިވެރިވި އެއްވެސް މީހަކަށް މައާފް ނުދެވޭނެ ކަމަށް ވިދާޅުވިއެވެ.މިވަގުތު ރައީސުލްޖުމްހޫރިއްޔާއަށް އަދި ސަރުކާރަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން ރައީސް ޔާމިނަށް ދެއްވާކަަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން ކުރާ ޚަރަދުތަށް ވޭތުވެދިޔަ ތިން އަހަރުތެރޭގައި އެތައް ގުނައެއް ގުނައަށް އިތުރުވެފައިވަނިކޮށް، މިފަދަ ކަމެއެއް ކުރުމުން އިންވެސްޓަރުން ރާއްޖޭގެ ސުލްހަވެރިކަމާމެދު ސުވާލު އުފައްދާނެ ކަމަށެވެ.ޖިހާދު ވިދާޅުވީ، މިހަމަލައާ ގުޅިގެން ސަރުކާރުގެ މަޝްރޫއުތަކަށް އެއްވެސް ބުރުލެއް ނާރާ ކަމަށާއި ސަރުކާރު އޮތީ ވަރަށް ސާބިތު ކަމާއެކުކަމަށެވެ.