ރާއްޖެއިން އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ ކުންފުނިތަކުގެ އެހީތެރިކަން ލިބޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖާންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިއްޔެ ކުރެއްވި ޒިޔާރަތުގައި އެއާރޕޯޓުގައި ހިނގާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވައި އެ މަސައްކަތްތައް ކުރިއަށްދާގޮތް ވަނީ އޮޅުން ފިލުއްވާފައެވެ. އެއާޕޯޓުގައި ޗައިނާގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.
މިކަމާއި ގުޅޭގޮތުން ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއިން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ޗައިނާގެ ބީޔޫސީޖީ އާއި އެ ޤައުމަށް ނިސްބަތްވާ އެހެން ކުންފުނިތަކުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަސައްކަތް މިއަހާރު އަލުން ފަށާފައިވާ ކަންވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމާއި ހީނަރު ކަމުގެ މި ވަގުތު މި މަަސައްކަތް ފެށުނީ ރާއްޖޭގެ އެއްބާރުލުމާއެކުކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތްތައް އަލުން ފެށިފައިވާއިރު، ރާއްޖޭގެ އިގުތިސާދު އަލުން އާރާސްތު ކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގައި މަސައްކަތްކުރާ އެ ޤައުމުގެ ކުންފުނިތަކުގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށެވެ.
Thanks to the coordination from the Maldives side, BUCG and other Chinese companies have spared no effort to move forward the resumption of work in time of difficulties, contributing to the economic recovery in Maldives. https://t.co/XnjIAlhrFA pic.twitter.com/kowzbuzFiJ
— Amb. Zhang Lizhong (@AmbassadorZhang) January 15, 2021
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކުރެއްވި ޒިޔާރަތުގައި އެއަރޕޯޓުގެ ފިއުލް ފާމް، ކާގޯ ޓަރމިނަލް، ކާރގޯ ޖެޓީ، އޭޕްރަން، ވީ.އައި.ޕީ. ބިލްޑިންގ އަދި ސީޕްލޭން ޓަރމިނަލްވެސް ބައްލަވާލައިވާފައެވެ. އަދި ކުރިއަށްދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19ގެ މި ޙާލަތުގައި އެއަރޕޯޓުގައި ކުރިއަށްދާ މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާކަން ފާހަގަކުރައްވައި ކަމާ ގުޅުންހުރި ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
ޗައިނާއިން ރާއްޖޭގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންދާއިރު، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެޤައުމުން ވަނީ ރާއްޖެއަށް އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.