ދެކުނު އެފްރިކާގެ ޕެރައޮލިމްޕިކް ޗެމްޕިއަން އޮސްކާ
ޕިސްޓޯރިއަސް ޖަލުން ގޭބަންދަށް ބަދަލްކޮށްފިއެވެ.
ބްލޭޑް ރަނާރގެ ނަމުން މަޝްހޫރުވެފައިވާ، ޕިސްޓޯރިއަސް
ޖަލަށްލާފައިވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެރޭ އޭނާގެ
ލޯބިވެރިޔާ ރީވާ ސްޓީންކޭމްޕް މަރާލުމުގެ ކުށުގައި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ.
މިމައްސަލައިގެ ދައުވާއަށް އިންކާރުކުރަމުން ޕިސްޓޯރިއަސް ބުނެފައިވަނީ ރީވާ ގަޔަށް
ބަޑިޖެހުނީ އޮޅިގެން ކަމަށެވެ. އެހެންނަމަވެސް މިމައްސަލަ ގިނަ ދުވަސްތަކެއް
ވަންދެން ކޯޓުގައި ބެލުމަށްފަހު މިކަމުގައި ޕިސްޓޯރިއަސްގެ އިހުމާލެއްވާ ކަމަށް
ނިންމައި ކޯޓުން ވަނީ އޭނާގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ޕިސްޓޯރިއަސް ގޭ ބަންދަށް ބަދަލްކޮށްފައިވަނީ ދެކުނު
އެފްރިކާގައި ޖަލު ހުކުން ތަންފީޒުކުރަމުންދާ މީހުނާމެދު އަމަލްކުރާ އުސޫލުގެ
ދަށުން ހުކުމްގެ ހަބައިކުޅަ އެއްބައި ޖަލުގައި ހޭދަކުރުމުން ގައިދީގެ އަޚުލާގަށް
ބަލައި ޕެރޯލް ބޯޑަށް ފެނިއްޖެ ނަމަ ޙުކުމްގެ ބާކީ ބައި ގޭބަންދުގައި ފުރިހަމަ
ކުރުމަށް ދޭ ފުރުސަތުގެ ދަށުން ކަމަށް މައުލޫމާތުލިބެއެވެ. ޕިސްޓޯރިއަސްގެ ޖަލު
ހުކުމުގެ ބާކީ ބައި ގޭބަންދުގައި ފުރިހަމަކުރަން ދޫކޮށްލުމުން ރީވާގެ އާއިލާއިން
ބުނީ މިކަން މިހެން ވާނެކަން ކުރިންވެސް އިނގޭ ކަމަށާއި ކޮންމެ ގޮތެއްވިޔަސް ދެން ރީވާ
އެނބުރި ނާންނާނެ ކަމަށެވެ.
އުފެދުމުގައި ހުރި ޢައިބެއްގެ ސަބަބުން ފައިގެ ކަށިތައް ފުރިހަމައަށް ނުއުފެދުމުން އުމުރުން އެންމެ 11 މަހުގައި ޕިސްޓޯރިއަސްގެ ދެފައި ކަށިމައްޗާ ހަމައިން ވަނީ ބުރިކޮށްލާފައެވެ. އެހެންނަމަވެސް މަސްނޫއީ ފަޔެއްގެ އެހީގައި ޕިސްޓޯރިއަސް އޭގެ 6 މަސް ފަހުން ހިނގަންފަށާފައިވެއެވެ. އުމުރުން 28 އަހަރުގެ ޕިސްޓޯރިއަސް ވަނީ ޕެރައޮލިމްޕިކްސްގައި އޭނާގެ ދުވުމުގެ ހުނަރުތައް ދައްކާލައި އެތައް ވަނައެއް ހޯދާފައެވެ. މިގޮތުން ދެކުނު އެފްރިކާގައި ބާއްވާ ޕެރައޮލިމްޕިކްސްގެ ގިނަ މުބާރާތްތަކަކުން ވަނަތައް ހޯދާފައިވާއިރު، ދުނިޔޭގެ ޕެރައޮލިމްޕިކް މުބާރާތުގައިވެސް 2005 ވަނަ އަހަރު އޭނާ ރަން މެޑަލް ހޯދާފައިވެއެވެ.