ތަޢުލީމު

"ޤައުމު ބިނާ ކުރުމަށް ޔުނިވަރސިޓީން ދޭ ޚާއްޞަ ސްކޮލަޝިޕް" އިފްތިތާހްކޮށްފި


"ޤައުމު ބިނާ ކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދޭ ޚާއްޞަ ސްކޮލަޝިޕް" އިފްތިތާޙްކޮށްފިއެެވެ. މިކަމަށްޓަކައި ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގަ މިއަދު ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު އަލީއެވެ.

"ޤައުމު ބިނާ ކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދޭ ޚާއްޞަ ސްކޮލަޝިޕް އިފްތިތާހްކޮށްދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ދެއްކެވި ވާޙަކަފުޅުގައި ވިދާޅުވީ ކޮންމެ ކަމެއްވެސް އެންމެ ކާމިޔާބުކަމާއެކު ކުރިޔަށް ދާނީ އެކަމުގެ ބިންގާ ރަނގަޅުވެގެން ކަމަށެވެ. އެހެންކަމުން ތަޢުލީމުން ލިބޭ މަންފާވެސް ބިނާވެގެންވަނީ ފަށާ ތަޢުލީމުގެ ފެންވަރުގެ މައްޗަށް ކަމަށްވާތީ ތަޢުލީމު ފޯރުކޮށްދިނުމުގައިވެސް ފަށާ ތަޢުލީމުގެ ފެންވަރު ވީހާވެސް ރަނގަޅު ކުރަންޖެހޭ ކަމަށް މިނސްޓަރ ވިދާޅުވިއެވެ.

"ވަރުގަދަ ޢިމާރާތެއް ބިނާ ކުރަންޏާ އެންމެ ފުރަތަމަ އިސްކަންދެނީ ބިމުގެ އަޑީގައިވާ ބަޔަށް. ބިންގަލަށް، ތަރަޙައަށް. ބިންގާ ބަލިނަމަ މަތީފަންގިފިލާތައް ކިތަންމެ ގަދަޔަށް ހެދިޔަސް ޢިމާރާތެއް ގަދައެއް ނުވާނެ. ކުޑަކުދިންގެ ތަޢުލީމަކީވެސް ވަރުގަދަ ބިންގަލެއްގެ މައްޗަށް އާރާސްތުކުރަންޖެހޭ ކަމެއް. އެގޮތުން އެންމެ މުހިންމީ ފަށާ ތަޢުލީމު" މިނިސްޓަރ ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

"ޤައުމު ބިނާ ކުރުމަށް ޤައުމީ ޔުނިވަރސިޓީން 4 ދާއިރާއަކުން ޖުމްލަ 48 ސްކޮލަރޝިޕްގެ ފުރުޞަތު މިރަސްމިއްޔާތުގައިވަނީ ހުޅުވާލާފައެވެ. އެއީ ޕްރައިމަރީ މުދައްރިސްކަމަށް ދެވޭ 30 ސްކޮލަރޝިޕާއި، ވެލްޑިންގގެ ދާއިރާއިން ދޭ 6 ސްކޮލަރޝިޕާއި، އެއަރކޮންޑިޝަނިންގެ ދާއިރައިން ދޭ 6 ސްކޮލަރޝިޕާއި، ނޯޓިކަލް ސްޓަޑީސްގެ ދާއިރާއިން ދޭ 6 ސްކޮލަރޝިޕެވެ.

މީގެ ތެރެއިން ޕްރައިމަރީ މުދައްރިސްކަމަށް ދެވޭ 30 ސްކޮލަރޝިޕް ދެވޭނީ ޕްރައިމަރީ މުދައްރިސުންގެ ދަތިކަން އޮތް ޚާއްޞަ 60 ރަށަކުން ހޮވާލެވޭ ފަރާތްތަކަށް ކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތުދެއްވައެވެ. މިރަށްރަށުގެ ލިސްޓެއް އެމްއެންޔޫއިން ވަނީ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

ޕްރައިމަރީ މުދައްރިސްކަމުގެ ދާއިރާއިން ދެވޭ 30 ސްކޮލަޝިޕްގެ ތެރެއިން 15 ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތުދެއްވައެވެ.

ޤައުމީ ޔުނިވަރސިޓީން އިޢުލާނުކުރި މިސްކޮލަރޝިޕްތަކަކީ ޓިއުޝަން ފީގެ އިތުރުން އަހަރަކު 75000ރުފިޔާ ދޭ ފުލް ސްކޮލަރޝިޕް ތަކެކެކެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ ފެބްރުވަރީ މަހުގެ 18 ވަނަ ދުވަހެވެ. އަދި ސްކޮލަރޝިޕަށް ދަރިވަރުން ހޮވާނީ 2021 ވަނަ އަހަރުގެ ފުރަތަމަ ޓާރމްގައި ކަމަށް ޤައުމީ ޔުނިވަރސިޓީއިން ހާމަކުރެއެވެ.