ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ގަވާއިދު އެކުލަވާލާ މިއަހަރުގެ މެއިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ފަޒްނާ ޝާކިރު ވިދާޅުވެއްޖެއެވެ.
2016 ވަނަ އަހަރު އަމަލުކުރަން ފެށި ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގައިވާ ގޮތުން މި ޤާނުނު ތަންފީޒުކުރުމަށް ވަކި ޑިޕާޓްމެންޓެއް އެކުލަވާލަންޖެހެއެވެ. އަދި އަންހެނަކަށްވީތީ ކުރާ އަނިޔާ ރިޕޯޓްކުރާނެ ގޮތާއި ތަންތަނަށް ވަކި ޤަވައިދެއް ގައި ހިމަނާ އެކަން އާއްމުކުރަންޖެހެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރު ވިދާޅުވީ ޤާނުނުގެ ދަށުން އެކުލަވާލަންޖެހޭ ޑިޕާޓްމެންޓް ޤާއިމުކޮށް އެތަނުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށެވެ. އަދި ޤާނުނުގެ ދަށުން އެކުލަވާލަންޖެހޭ ޤައިވަދުތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ. ޤާނުނުގެ ދަށުން އެކުލަވާލި ޑިޕާޓްމަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤައުމީ ފެންވަރުގައި އަމަލުކުރާނެ ސިޔާސަތުތަކާއި އެކްޝަން ޕްލޭނެއް އެކުލަވާލުން ހިމެނޭކަމަށްވެސް ސްޓޭޓް މިނިސްޓަރ ފަޒްނާ ފާހަގަކުރެއްވިއެވެ.
މި ޤާނުނުގެ ދަށުން ވަޒީފާ ދޭ ފަރާތަކުން ޤާއިމުކުރަންޖެހޭ ޝަކުވާ ހުށައެޅުމުގެ ނިޒާމު ޤާއިމުކޮށް އެތަންތަނުގެ މަސައްކަތް ހިގަމުން އަންނަ ގޮތް މޮނީޓަރކުރަމުން އަންނަކަމަށް ފަޒްނާ ވިދާޅުވިއެވެ. މިޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ އެކްޝަން ޕްލޭން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފައިނަލް ކުރެވޭނެކަމަށާއި އެ މަސައްކަތް ކުރައްވަމުން އަންނަނީ ޔޫންއެންޑީޕީގެ އެހީތެރިކަމާއި އެކުކަންވެސް ފަޒްނާ ފާހަގަކުރެއްވިއެވެ.
ޖެންޑަރަ އިކުއަލިޓީ ޤާނޫނަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުންވެސް ޖެންޑަރ މިނިސްޓްރީން ގެންދަވަނީ ތަފާތު ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ޤާނޫނަށް އާއްމުން ހޭލުންތެރިކުރުވުމަށް ގިނަ އިދާރާތަކަކަށް މައުލޫމާތު ދީފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ފަޒްނާ ވިދާޅުވިއެވެ.
"އާއްމުން ހޭލުންތެރި ކުރުމަށް ނުވަތަ ވަކި ވަކި ޖަމާއަތްތައް ތަމްރީނުކުރުމަށް ބޭނުންވާ މައުލޫމާތު އަޅުގަނޑުމެން މިދިޔަ އަހަރު ތެރޭ ވަރަށް ގިނަ މުއައްސަސާތަކަށް ފޯރުކޮށްދީފައވާނެ. މިގޮތުން ސަރުކާރުގެ އެކިއެކި އިދާރާތަކަށް އަދި ރަށްރަށުގެ ކައުންސިލް ، މެޖިސްޓްރޭޓް، ކޯޓުތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް ވަނީ ޖެންޑަރ އިކުއަލިޓީ ޤާނޫނުގެ މަޚްފޫމު ތަކާއި ޖެނޑަރ އިކުއަލިޓީ ޤާނޫނާއި ޖިންސީ ފުރައްސާރައާއި ގޯނާ ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރި ކުރުވުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދެވިފައި." ސްޓޭޓް މިނިސްޓަރ ފަޒްނާ ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފަޒްނާ ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތްތައް ނިމުމާއެކު ފޯކަލް ޕޮއިންޓްތައް ގާއިމްކޮށްފައިވާ އިދާރާތަކުގެ މަސައްކަތްތައް މޮނިޓަރ ކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށްޓަވާނެކަމަށެވެ. ޖެންޑަރ އިކުއަލިޓީ ޤާނޫނަކީ 2016 ވަނަ އަހަރު ތަސްދީޤު ކުރައްވާފައިވާ ޤާނޫނެކެވެ.