ކޯވިޑް-19

ކޯވިޑް-19 : ބިޔާދޫ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 53އަށް


ބިޔާދޫ އައިލެންޑް ރިސޯޓުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 53އަށް އަރައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީއޯ.ސީ)އިން ހާމަކުރެއްވިގޮތުގައި އިއްޔެގެ 18:00އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް ރާއްޖޭގެ ރިސޯޓުތަކުން ކޯވިޑް-19އަށް ޕޮޒިޓިވްވި 4 މީހުންގެ ތެރެއިން 3 މީހުންނަކީ ބިޔާދޫ ރިސޯޓުން ޕޮޒިޓިވްވި މީހުންނެވެ. އެއާއެކު އެރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 53އަށް އަރައިފިއެވެ.

ބިޔާދޫ އައިލެންޑް ރިސޯޓުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު އެންމެ ފުރަތަމަ ފެނިފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ ކޯވިޑް-19ގެ ޢަލާމާތްތައް ހުރި އެރިސޯޓުގެ މުވައްޒަފަކު މާލެއައިސް ޓެސްޓުހެދުމުން އޭނާ ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޭސްއާ ގުޅިގެން ބިޔާދޫއިން ޖުމުލަ 33 ސާމްޕަލެއްނަގައި ޓެސްޓުކުރިއެވެ. އޭގެތެރެއިން 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެޗް.އީ.އޯ.ސީއިން ހާމަކުރައްވާގޮތުގައި މިހާތަނަށް އެރިސޯޓުން ޖުމްލަ 104 ސާމްޕަލެއް ކޯވިޑްއަށް ޓެސްޓުކުރުމަށް ނަގާފައިވެއެވެ.

މާލޭގައި ބޭއްވި ކައިވެނީގެ ޙަފްލާއަކުން ގިނަ ބަޔަކު ޕޮޒިޓިވްވެ އުފެދުނު ކްލަސްޓަރއާ ގުޅޭގޮތުން އެޗް.އީ.އޯ.ސީއިން ވިދާޅުވީ މިދިޔަ ދެތިންދުވަހު އެކްލަސްޓަރގައި ހިމެނޭ މީހަކާ ކޮންޓެކްޓްވެގެން މީހަކު ޕޮޒިޓިވްވްވެފައި ނުވާކަމަށެވެ.