ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސަސް އަތުން މޮޅުވެ މާޒިޔާ ލީގު ތާވަލުގެ އެއް ވަނަ އަށް އަލުން އަރައިފިއެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް މިއަދު ހަވީރު މާޒިޔާ މޮޅުވީ 3-0 ލަނޑުންނެވެ. ސަސް ކޮޅަށް މާޒިޔާއިން ތިންލަނޑު ޖެހީ ވެސް ޖެހީ ފުރަތަމަ ހާފުގައެވެ. މާޒިޔާ އިން މެޗުގައި ލީޑު ނެގީ 17 ވަނަ މިނެޓުގައި މުހައްމަދު އުމެއިރު އޭރިޔާ ބޭރުން ވައްދާލީ ހިލޭ ޖެހުމަކުންނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުރި ފައުލަކަށް ލިބުނު މި ހިލޭޖެހުން އުމެއިރު ވައްދާލީ ދިފާއަށް ތިބިކުޅުންތެރިންގެ ބޯ މަތިން އަރިމަތީ ކަނަށެވެ.
މާޒިޔާގެ ދެ ވަނަ ލަނޑު ކޮނޭލިއަސް ޖެހީ އުމެއިރު ދިން ބޯޅަ ހޯދުމަށް ފަހު އޭރިޔާ ބޭރުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެފަހުން މެޗުގެ ތިން ވަނަ ލަނޑު އޭނާ ޖެހީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެހީތެރިކަމާއެކު ކީޕަރު ކައިރިން ކަޓުވާލުމަށް ފަހުއެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ހަތަރު ވަނަ ލަނޑެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ފޭދޫ އިއްބެ އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ހަމްޕު ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ހުސްކޮށް އޮވެ ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިންނެވެ.
މި ނަތީޖާއެކު ފަސް މެޗުން ހޯދި 11 ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތީ ކްލަބް ވެލެންސިއާއެވެ. މާޒިޔާ އަށް ފައިދާ 13 ގޯލު އޮތްއިރު ވެލެންސިއާ އަށް ފައިދާ އޮތީ ހަތް ގޯލެވެ.