ޚަބަރު

ސްކޫލްތައް ކައިރިން ވެހިކަލްތައް ނެގުމަށް އެދެފި


ސްކޫލްތައް ހުރި ސަރަޙައްދުތަކުގައި ޤަވާއިދާއި ޚިލާފަށްހުރި އުޅަނދު ފަހަރުތައް މިއަދު އިރުއޮއްސި ހައެއްގެ ކުރިން ނެގުމަށް ފުލުހުން އެދިވަޑައިގެންފިއެވެ.

ފުލުހުންގެ ޓްރެފިކް ޕޮލިސްއިންވަނީ ސްކޫލް ސަރަޙައްދުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ޕާރކް ކޮށްފައިވާ އުޅަނދުފަހަރު ނެގުމަށް އާންމުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

ފުލުހުން މިގޮތަށް އެދިވަދައިގެންފައިވަނީ މާދަމާ ސްކޫލްތައް ހުޅުވުމަށް ހަމަޖެހިފައިވާތީއެވެ. ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ނިޝާންތައް ކުރަހާފައި ނުވަތަ ބަހައްޓާފައި ހުންނައިރުވެސް އެއާއި ޚިލާފަށް އުޅަނދުފަހަރުތައް ޕާކުކޮށްފައި ހުންނަ ކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން މާލޭގެ ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު މާދަމާ ސްކޫލްތައް ހުޅުވައިގެން ކިޔަވާދިނުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމަވާފައެވެ.