ޚަބަރު

މިދިޔަ އަހަރު ދިވެހިބަހުގެ އެކެޑަމީން 5000 އަށްވުރެ ގިނަ މީހުން ތަމްރީންކުރި


މިދިޔަ އަހަރު ބަހާއި އަދަބިއްޔާތާއި، ތާރީޚާއި ސަޤާފަތުގެ ދާއިރާއިން 5000 އަށްވުރެ ގިނަ މީހުން ތަމްރީންކޮށްފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އަޝްރަފް ވިދާޅުވީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބަހުގެ އެކެޑަމީގެ ކަލަންޑަރުގައި ހިމަނާފައިވާ ކަންތައްތައް ކުރުމުގައި ދަތިތަކެއް ދިމާވިކަމަށެވެ. ނަމަވެސް އެކެޑެމީގެ ސީނިޔަރ މެނޭޖްމަންޓާއި މެންބަރުންގެ މަޝްވަރާގެ މަތިން މީހުން ބިނާކުރުމަށް އޮންލައިންކޮށް ގިނަ ޕްރޮގްރާމުތަކެއް ކުރިޔަށް ގެންގޮސްފައިވާކަން އަޝްރަފް ފާހަގަކުރެއްވިއެވެ.

އަޝްރަފް ވިދާޅުވީ ލޮކްޑައުންގެ ތެރޭގައި އަޖުމަ ބެލުމުގެ ގޮތުން ހުޅުވާލި 30 މީހުންގެ ޖާގައިގެ ޅެން ހަދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަށް ދެ ދުވަސްތެރޭގައި 300 އަށް ވުރެ ގިނަ މީހުން ބައިވެރިވުމަށް ފޯމު ހުށަހެޅިކަމަށެވެ. އަދި އެކޯހަށް ޖުމްލަ 500 މީހުން ފޯމް ހުށަހެޅިއިރު އޭގެ ތެރެއިން އެއްވެސް މީހަކު ބާކީ ނުކޮށް ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވާކަމަށް އަޝްރަފް ވިދާޅުވިއެވެ.

ރާއްޖޭގެ ދަރިވަރުންނަށާއި ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނަށާއި ދިވެހިންނަށް ޤައުމާއި ޤައުމުގެ ތާރީޙާބެހޭ މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކޮށް ޝައުގުވެރިކަން އުފެއްދުމަށްވެސް އެކެޑަމީން ވަނީ "ތުއްރަވާސް ޕްރޮގްރާމް" ނަމުގައި ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ.

"ތުއްރަވާސްގެ ނަމުގައި އެކެޑަމީން 2015 ގައި ފެށި ޕްރޮގްރާމުގެ 7 ވަނަ ޕްރޮގްރާމުގައި ބައިވެރިވުމަށް އެކެޑެމީން ހުޅުވާލި. މި ޕްރޮގްރާމުގައިވެސް 400 އާ ގާތްކުރާ ޢަދަދަކަށް އެކި ޢުމުރުގެ މީހުންނާއި ކުދިން ހުރި ބައިވެރިވެފައި." އަޝްރަފް ވިދާޅުވިއެވެ.

އެކެޑަމީން ވަނީ މި ޕްރޮގްރާމުތަކުގެ އިތުރުން ވާހަކަދައްކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުތަކާއި ނާވިލު ލިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ކުރިޔަށް ގެންގޮސްފައެވެ. އެކެޑަމީގެ ރައީސް އަޝްރަފް ވިދާޅުވީ ވާހަކަދައްކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި 500 އަށްވުރެ ގިނަ މީހުން އަދި ނާވިލު ލިޔުމުގެ ޕްރޮގްރާމުގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށެވެ.

މީގެއިތުރުން އެކެޑެމީގެ ފަރާތުން އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބަހުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްސަ ޕްރޮގްރާމުތަކެއްވެސް ކުރިޔަށް ގެންދިޔައެވެ. އެގޮތުން "ދިވެހި އޮފީސް ދިވެހި" މި ނަމުގައި ގެންދިޔަ ޕްރޮގްރާމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ 800 އަށްވުރެ ގިނަ މީހުން ބައިވެރިވިކަން އަޝްރަފް ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރު ބަހުގެ އެކެޑެމީއިން ވަނީ ބަހާއި އަދަބިއްޔަތާއި ތާރީޚަށް ދިވެހިން ހޭލުންތެރިކުރުވުމުގެ ވެބިނާރުތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.

"ހަފްތާގެ ފެށޭ ކޮޅާއި ނިމޭ ކޮޅު ކަމާ ގުޅުންހުރި ބޭފުޅުން މެދުވެރިކޮށް ބަހާއި އަދަބާއި ތާރީޚާ ބެހޭގޮތުން އެބޭފުޅުންގެ ޚިޔާލުފުޅުތަކާއި ކުރައްވާފައިވާ ޢިލްމީ ދިރާސާތަކުން ޢާއްމުން ހޭލުންތެރިކުރުވުމުގެ ތަޤްރީރުތަކެއް ވެބިނާރުތަކެއް ގޮތަށް އަޅުގަނޑުމެންއައީ ބާއްވަމުން" އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ވިދާޅުވީ މިދިޔަ އަހަރަކީ ގޮންޖެހުންތަކާއެކުވެސް އެކެޑެމީގެ މަސައްކަތްތައް ވަރަށް ފުޅާ ދާއިރާގައި ކުރިއަށްގެންދެވުނު އަހަރެއްކަމަށެވެ. އަދި މި ޕްރޮގްރާމުތައް ކުރިޔަށް ގެންދިޔުމުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤު ދެއްވި އެއްބާރުލެއްވުން އޭނާ ފާހަގަކުރެއްވިއެވެ.