އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތި ލެވޭގޮތަށް އެޕާޓީގެ އަސާސީ ގަވާޢިދަށް އިޞްލާޙު ހުށަހަޅައިފިއެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމުވާ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމަނާފައިވަނީ، 2010 ވަނަ އަހަރު ޕާޓީ އެފެދުނުއިރު ޕާޓީގެ މެންބަރުން ބޭނުންވީ އެގޮތްކަމަށް ވާތީކަމަށެވެ. އަދާލަތު ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތިލެވޭގޮތަށް އަސާސީ ޤަވާޢިދު އިސްލާޙުކޮށްފައި ވަނީވެސް ފަހުގެ ތާރީޚެއްގައެވެ.
އަދާލަތު ޕާޓީގެ އަސާސީ ޤަވާޢިދަށް އިޞްލާޙު ހުށަހަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ އަދާލަތު ޕާޓީގެ ރައީސަކަށް އަންހެން ބޭފުޅަކަށް ވާދަ ނުކުރެވޭނަމަ އަސާސީ ޤަވާޢިދު އިސްލާހުކުރުމަށް އަންގާނެކަމަށް ވިދާޅުވެފައެވެ.
ޕާޓީގެ ރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ޤަވާޢިދަށް އިޞްލާޙު ހުށަހެޅީ ޕާޓީ އިތުރަށް ހުޅުވާލައި އެންމެ އިސްސަފުގައި އަންހެނުންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު އިތުރުކުރުމަށްކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ އަސާސީ ޤަވާޢިދަށް އިސްލާޙު ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވިކަން މިނިސްޓަރ ޢިމްރާން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި އިޞްލާޙު ހުށަހެޅީ ޕާޓީގެ އިސްސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައި ހިމެނޭ ދީނީ ޢިލްމުވެރިންގެވެސް މަޝްވަރާގެ މަތިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި އިޞްލާޙަކީ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ހިމެނޭ 7 މެންބަރުންގެ ފުރިހަމަ ތާއިދާއެކު ހުށަހަޅާފައިވާ އިޞްލާޙެއްކަން ވެސް މިނިސްޓަރ ޢިމްރާން ފާހަގަކުރެއްވިއެވެ.
ޕާޓީގެ އިސް ދެ މަޤާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އަދާލަތުން ބުނީ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތަކުން މިމަހުގެ 9ވަނަ ދުވަހުގެ ކުރިން އެކަމަށް ބޭނުންވާ ލިޔުންތައް ހުށައަޅަންޖެހޭކަމަށެވެ.