ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އަބޫދާބީގެ ވަލީ ޢަޙުދާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަބޫދާބީގެ ވަލީޢަޙުދު އަދި ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަބޫދާބީގެ ވަލީއަޙުދާ ބައްދަލުކުރައްވާފައި ވަނީ އެމަނިކުފާނު އެކުވެރި ޢަރަބި ޢިމާރާތް(ޔޫއޭއީ)އަށް ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ދަށުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ޔޫއޭއީން ރާއްޖެއާ ދެމެދު ބާއްވަވާ އެކުވެރި ގުޅުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އަބޫދާބީގެ ވަލީ އަޙްދުވަނީ ދެޤައުމުގެ ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ވަލީޢަޙުދުވަނީ މަސްވެރިކަމާއި ފަތުރުވެރިކަމާއި ދަތުރުފަތުރާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާއިން އެޤައުމުން މިހާރުވެސް ދެމުންދާ އެހީތައް ކުރިޔަށް އޮތް ތަނުގައިވެސް ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ސަރުކާރު ވެރިކަމަށް އައުމާއެކު ޔޫއޭއީއާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހިވެފައެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް އެޤައުމުން ދަނީ ބޮޑެތި އެހީތަކެއްވެސް ދެމުންނެވެ. މިދިޔަ މާރިޗު މަހުގެ ތެރޭގައި ވެސް ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ އެހީ އެޤައުމުން ފޯރުކޮށްދީފައިވެއެވެ.