ރާއްޖޭގައި ތެޔޮ ހުރޮތޯ
ބެލުމަށް ކުރިއަށްގެންދާ ދިރާސާގެ ތެރެއިން ޖިއޮލޮޖިކަލް ދިރާސާތަކެއް
ކުރުމަށްޓަކައި އެމެރިކާގެ ބޯޓެއް މާދަމާ ރާއްޖެ އަންނާނެކަމަށް ފިޝަރީޒް
މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެެ. ޕީއެސްއެމަށް މައުލޫމާތު
ދެއްވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ޖިއޮލޮޖިކަލް ސާރވޭ ކުރުމަށް މާދަމާ ރާއްޖެ
އަންނަ އެމެރިކާގެ ބޯޓަކީ އިންޓަރނޭޝަނަލް ރިސާރޗް ޕްރޮގްރާމްގެ ދަށުން ރާއްޖެ
އަންނަ ބޯޓެއްކަމަށާއި، އޭގައި ޖަރުމަންވިލާތުގެ ދިރާސާކުރާ މާހިރުންވެސް ހިމެނޭނެކަމަށެވެ.
އެފަރާތުން ދިރާސާކުރުމަށް ތިނެއް ނުވަތަ ހަތަރު ދިމާލަކުން ކަނޑު އަޑިން
ތޮރުފުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޝައިނީ
ވިދާޅުވީ، ތެޔޮ ހުރިތޯ ބެލުމަށް ދިރާސާކުރުމަށް ބޭރުގެ ދެ ކުންފުންޏަކާއި އެކު
ވާހަކަ ދައްކަމުން އަންނަކަމަށާއި އެކަމުގެ އެއްބަސްވުމުގައި މިއަހަރު ނިމުމުގެ
ކުރިން ސަރުކާރުން ސޮއިކުރައްވާނެކަމަށެވެ.
ނިމުނު ހަފްތާގައި ލަންޑަންގައި
ކުރިއަށްދިޔަ ދުނިޔޭގެ ތެލާއި ބެހޭ ސަމިޓްގައި ބައިވެރިވުމަށް ކުރެއްވި
ދަތުރުފުޅުގައި އިތުރު ކުންފުނި ތަކަކާއި
އެކުވެސް މަޝްވަރާތަކެއް ކުރިއަށް ގެންދެވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖިއޮލޮޖިކަލް ސާވޭ ކުރަން އޮގަސްޓު މަހުގެ ފަހުކޮޅު ރާއްޖެ އައި ޖަރުމަނުގެ
"ސޮންނޭ" ނަމަކަށް ކިޔާ ބޯޓުން ވަނީ ތެލާއި ގޭސް ހުރި ކަމަށް އެންމެ
ބޮޑަށް ބެލެވޭ ރާއްޖޭގެ ތިން ސަރަހައްދުގެ ތެރެއިން ދެ ތަނެއްގެ ސައިޒްމިކް ސާވޭއެއް
ހަދައިފައެވެ.
އެ ދިރާސާ އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކޯލްޑް ވޯޓާ ކޮރަލްސް ނުވަތަ
ފިނީގައި އުފެދޭ މުރަކަ ހުރިކަން ވަނީ ހޯދިފައެވެ.
ފިނީގައި އުފެދޭ މުުރަކައިގެ ތަހްލީލްތައް ކުރިއިރު، ބައެއް
ސަރަހައްދުތަކުގައި އަށްޑިހަ ހާސް އަހަރުކުރިން މަރުވެފައިވާ މުރަކަ އާއި ދިރުން
ހުރި މުރަކަވެސް ހުރިކަން ފާހަގަކޮށްފައިވެއެވެ. މިދިރާސާގެ
އަލީގައި ރާއްޖޭގައި ތެޔޮ ހުރި ކަމުގެ ވަރަށް ބޮޑު ނިޝާންތައްކެއް ހުރކަމަށް
ތަޖުރިބާކާރުން ވިދާޅުވޭ.
ރާއްޖޭގެ ކަނޑުއަޑީގައި ތެޔޮ ހުރިތޯ ޔަގީންކުރެއްވުމަކީ ރައީސް އަބްދުﷲ
ޔާމީންގެ ކެމްޕެއިން ވައުދެކެވެ.