ތަރައްްޤީ

ފަރެސްމާތޮޑާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިފި


ގދ. ފަރެސްމަތޮޑާގައި ތަރައްޤީކުރާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ފަރެސްމަތޮޑާގައި ތަރައްޤީކުރާ އެއަރޕޯޓަކީ ޕްލޭނިންގ މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

އެމްޓީސީސީން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި އެހެނިހެން ވަޞީލަތްތައް އެރަށަށް ގެންގޮސްފައިވަނީ އާ އަހަރުގެ ފުރަތަމަ ދުވަހުގައި ކަމަށެވެ. ފަރެސްމާތޮޑާގައި ތަރައްޤީކުރާ އެއަރޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނިންމާލެވޭނެއެވެ. އަދި އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ ފަރެސްމާތޮޑާއާ ގާތްގަނޑަކަށް 100 މީޓަރު ދުރުގައި އޮންނަ ރަށެއްގައިކަމުން ދެ ރަށް ކޯސްވޭއަކުން ގުޅާލާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 1200 މީޓަރު ދިގު ރަންވޭއަކާއި ޓެކްސީވޭއަކާއި ޓަރމިނަލް ބިލްޑިންގއެއް އަދި އޭޕްރަންއެއްގެ އިތުރުން ސަރވިސް ރޯޑް ޢިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. 144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢު އެމްޓީސީސީއާ ހަވަލުކޮށްފައިވަނީ 1 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެއަޕޯޓު ތަރައްޤީ ކރުމަށް ފަރެސްމާތޮޑާގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. ފަރެސްމާތޮޑާއަކީ އާބާދީގައި 1800 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު ގދ. މާވާރުލު އަދި ގދ. ކާޑެއްދޫގައި މިހާރުވެސް އަންނަނީ ދެ އެއަރޕޯޓެއް އޮޕަރޭޓް ކުރަމުންނެވެ. ރާއްޖޭގެ ކޮންމެ ސަރަޙައްދަކުން 30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.