އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކުގެ މެމްބަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރުވެ ބައެއް މެޗުތައް ކެންސަލްކުރަން ޖެހުނުނަމަވެސް ލީގުގެ ކުޅުން މެދުކަނޑާނުލާނެކަމަށް ޕްރިމިއާ ލީގުން ބުނެފިއެވެ.
ލީގުގައި އެންމެ ފަހުން ކުޅެން ތާވަލްކުރި 10 މެޗުގެ ތެރެއިން ދެ މެޗު ވަނީ ކޮވިޑްގެ ސަބަބުން ކެންސަލްކޮށްފައެވެ. އެއީ މެންޗެސްޓަރ ސިޓީގެ ބައެއް ކުޅުންތެރިންނާއި ސްޓާފުން ކޮވިޑަށް ޕޮޒިޓިވްވުމުން އެޓީމުން އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗާއި ޓޮޓެންހަމް ހޮޓްސްޕާސް އާއި ފުލަމް ވާދަކުރަން އޮތް މެެޗެވެ. މެޗު ފެށުމުގެ ހަތަރު ވަރަކަށް ގަޑިއިރު ކުރިން މިދިޔަ ހޯމަ ދުވަހު ސިޓީ މެޗު ކެންސަލް ކުރިއިރު ޓޮޓެންހަމް މެޗު ކެންސަލްކުރީ ފުލަމްގައި ކޮވިޑް ކޭސްތައް ގިނަވުމުގެ ސަބަބުންނެވެ. މި ދެމެޗުގެ އިތުރުން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެސްޓަން ވިލާ އާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރަން އޮތް މެޗު ވެސް ކޮވިޑްގެ ސަބަބުން ވަނީ ކެންސަލްކޮށްފައެވެ.
އިނގިރޭސި ވިލާތުން މިހާރު ގެނެސްފައިވާ ބަދަލާ އެކު ޕްރިމިއާ ލީގުގެ އެއްވެސް ކްލަބަކަށް ދަނޑަށް ސަޕޯޓަރުންނެއް ނުވެއްދޭނެއެވެ. އެންމެ ފަހުން ސަޕޯޓަރުން ވައްދައިގެން ކުޅުމުގެ ފުރުސަތު ލިބުނީ ލިވަޕޫލް އާއި އެވަޓަން އަށެވެ. އެހެންނަމަވެސް ކޯވިޑާއިގުޅިގެން އެ ސިޓީ ތިން ވަނަ ކެޓެގަރީ އަށް ބަދަލުކުރަން ނިންމުމާ އެކު ކުރިން އެ ދަނޑުތަކަށް ވަންނަމުން އައި 2000 ސަޕޯޓަރުންނަށް އެ ފުރުސަތެއް މިހާރު ނުލިބޭނެއެވެ. މި ދެ ކްލަބްގެ އިތުރުން ސައުތްހެމްޓަނާއި ބްރައިޓަން އިން ވެސް ވަނީ މަދު އަދަދަކަށް ސަޕޯޓަރުން ވައްދައިފައެވެ.