ރާއްޖޭގެ ބޯޑަރު އަލުން ފަތުރުވެރިންނަށް ހުޅުވާލުމުގެ ސަބަބުން ދުނިޔޭގެ ގިނަ ސަރަހައްދުތަކަކުން ފަތުރުވެރިން އަންނަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ. ރާއްޖޭގައި ކޯވިޑް19 ފެތުރުން މިހާރު ވަނީ ދުނިޔޭގެ އެހެން ބައެއް ޤައުމުތަކާއި އަޅާބަލާއިރު ކޮންޓްރޯލްކުރެވިފައެވެ. އެހެންކަމުން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރު ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ދުވަހުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ 6.3 ދުވަހެވެ. ނަމަވެސް މިއަހަރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ދުވަހުގެ އަދަދު ވަނީ 19.3 ދުވަހަށް އިތުރުވެފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލައި، ރިސޯޓްތައް ފަތުރުވެރިކަމަށް ހުޅުވާލިއިރު ބައެއް ރިސޯޓްތަކުން ވަނީ ފަތުރުވެރިންނަށް ޙާއްސަ ޕެކޭޖްތައްވެސް ތައާރަފްކޮށްފައެވެ. އެގޮތުން ރާއްޖެއައިސް އެމީހުންގެ އޮފީސް މަސައްކަތްތައް ކުރެވޭނެފަދަ ޕެކޭޖްތައް ތަޢާރަފްކުރިކަންވެސް ފާހަގަކޮށްލެވެއެވެ. މީގެ ސަބަބުންވެސް ފަތުރުވެރިން ރާއްޖެ އައިސް ހޭދަކުރާ ދުވަސްތަކުގެ އަދަދު އިތުރުވެގެންދިޔައެވެ. އަދި ބައެއް ޤައުމުތައް ލޮކްޑައުންކުރުމުގެ ސަބަބުންނާއި ކޯވިޑް ފެތުރޭ މިންވަރު އެ ޤައުމުތަކުގައި އިތުރުވުމުގެ ސަބަބުންވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު އިތުރުވެގެންދިޔައެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިން ހޭދަކުރި ދުވަހުގެ އަދަދު އިތުރުވިނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެ އައި ފަތުރުވެރިންނާއި ބެޑްނައިޓްސްގެ އަދަދު ވަނީ ދަށްވެފައެވެ. ނަމަވެސް ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިކަން މަޑުމަޑުން ފަށައިގަނެ ކުރިއަށްދާއިރު މިއަދަދުތައް މަތިވަމުން އަންނަކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް އޮޕަރޭޝަންގައި ހުރި އެނދުގެ އަދަދުވެސް މިދިޔަ އަހަރުގެ ނޮވެމްބަރުމަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރމަހު ވަނީ 23 އިންސައްތަ ދަށްވެފައެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް ފަތުރުވެރިންނަށް ޙިދުމަތްދޭ 528 ތަނެއް ހުޅުވައި، 41394 އެނދު ވަނީ އަލުން ޙިދުމަތަށް ނެރެފައެވެ.