ދުނިޔެ

ވެކްސިން ދޭ ގޮތަށް ބައިޑަންގެ ފާޑުކިޔުން


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ސަރުކާރުން އާންމުންނަށް ކޯވިޑް ވެކްސިން ދެމުން ގެންދާ ގޮތަށް އިންތިޚާބީ ރައީސް ޖޯ ބައިޑަން ފާޑު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސަރުކާރުންވަނީ މި އަހަރު ނިމުމުގެ ކުރިން އެ ޤައުމުގެ 20 މިލިއަން މީހުންނަށް ކޯވިޑް ވެކްސިން ދޭނެކަމަށް ބުނެފައެވެ. ނަމަވެސް އެ ޤައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލުން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ވެކްސިން ދީފައިވަނީ އެންމެ 2.1 މިލިއަން މީހުންނަށެވެ. އެމެރިކާގެ ހެލްތު ސެކެޓްރީގެ ނައިބު، އެޑްމިރަލް ބްރެޓް ގިރޮއާ ވިދާޅުވީ 20 މިލިއަން ވެކްސިން ދިނުމަށް އިތުރު ދިހަ ދުވަސް ނަގާނެކަމަށެވެ.

ޑެލަވެއާގެ ވިލްމިންޓަންގައި ދެއްވި ހިޠާބެއްގައި ބައިޑަން ވިދާޅުވީ އެމެރިކާގައި ވެކްސިން ދިނުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތަށް ކުރިއަށް ނުދާކަމަށެވެ. މިހާރު ވެކްސިން ދެމުންދާ ދުވެލީގައި ވެކްސިން ދޭނަމަ ހުރިހާ ރައްޔިތުންނަށް ވެކްސިންދޭން އެތައް އަހަރަށް ނަގާނެކަމަށެވެ.

އަންނަ މަހުގެ 20ވަނަ ދުވަހުގައި ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށް ތައްޔާރުވަމުންދާ ބައިޑަންވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޯވިޑް ވެކްސިންގެ 100 މިލިއަން ޑޯޒް އެމެރިކާގެ ރައްޔިތުންނަށް ދޭނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. މިހާރު ވެކްސިން ދެމުންދާ ދުވެއްޔަށް ފަހެއް ނުވަތަ ހަ ގުނައަށް އިތުރުކޮށް ދުވާލެއްގެ މައްޗަށް ވެކްސިން ދޭ އަދަދު މިލިއަނަކަށް އިތުރުކުރައްވާނެކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ. އެ އަދަދަށް ވެކްސިން ދިން ނަމަވެސް އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދީ ނިންމުމަށް އެތައް މަހެއް ނަގާނެކަންވެސް ބައިޑަން ވަނީ ފާހަގަކުރައްވާފައެވެ.

މިހާތަނަށް 19.97 މިލިއަން މީހުންނަށް އެމެރިކާގައި ކޯވިޑް ޖެހިފައިވާއިރު އެ ޤައުމު އޮތީ އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް އެ ބަލި ޖެހިފައިވާ ޤައުމުގެ ގޮތުގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 194،860 މީހުންނަށްވަނީ ބަލިޖެހިފައެވެ.

ކޯވިޑް ޖެހިގެން އެމެރިކާގައި މިހާތަނަށް 346،579 މީހުން މަރުވެފައެވެ. ވެކްސިންގެ ރައްކާތެރިކަން ރައްޔިތުންނަށް ބުނެދިނުމަށްޓަކައި އިންތިޚާބީ ރައީސް ޖޯ ބައިޑަނާއި ސަރުކާރުގެ އިސްވެރިން އަންނަނީ ކެމެރާ ކުރިމަތީގައި ކޯވިޑް ވެކްސިން ޖައްސަވަމުންނެވެ.

އެގޮތުން ބައިޑަންވެސް މިދިޔަ ހަފުތާގައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ނަންގަވާފައެވެ. އޭގެ އިތުރުން އިންތިޚާބީ ނައިބު ރައީސް ކަމާލާ ހެރިސްވެސްވަނީ އިއްޔެގެ ވަގުތެއްގައި ވެކްސިން ޖައްސަވާފައެވެ.