ޚަބަރު

ކުށެއް ނެތްކަން އަދިވެސް ސާބިތުކޮށްދެވޭނެ: ސިޓީގެ ޗެއާމަން


  • އަލް މުބާރަކް ބުނީ ސިޓީގެ އަގުވައްޓާލަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށް

  • 114 ދައުވާއަކަށް ސިޓީ ކުށްވެރިވާކަމަށް ވަނީ ނިންމާފައި

ޕްރިމިއަރ ލީގުގެ މާލީ ގަވާއިދުތަކާ ޚިލާފުވިކަން ސާބިތުވި ނަމަވެސް، ކްލަބުގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަދިވެސް އެބައޮތް ކަމަށް މެންޗެސްޓާ ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ބުނެފިއެވެ.

ސިޓީގެ މައްޗަށް ގިނަ ގަވާއިދުތަކަކާ ހިލާފުވި ކަމުގެ ތުހުމަތު ކޮށްފައިވެއެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގުޅުންހުރި ކުންފުނިތަކުން ލިބުނު ސްޕޮންސާޝިޕް ފައިސާ އޮޅުވާލި ކަމަށް ބުނާ މައްސަލަތަކެވެ.

އެ ކްލަބާ ދެކޮޅަށް އުފުލި 115 ދައުވާގެ ތެރެއިން ބޮޑުބަޔަކަށް ސިޓީ ކުށްވެރިވެފައިވާ ކަން ހުކުރު ދުވަހު އިއުލާނު ކުރުމާ ގުޅިގެން، އަލް މުބާރަކް ވަނީ ކްލަބުގެ ވެބްސައިޓް މެދުވެރިކޮށް ރައްދު ދީފައެވެ.

އަލް މުބާރަކް ބުނީ ޕްރިމިއާ ލީގުގެ މަރުހަލާ ނިމެން އަދި ވަރަށް ދުވަސް އެބައޮތްކަމަށެވެ. އަދި ކްލަބުގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ ކަމުގެ އިތުބާރު މިކަން ފެށުނުއިރު ވެސް އޮތް ވަރަށް އަދިވެސް އޮތްކަމަށެވެ.

މި ނިންމުންތަކާއި ގުޅިގެން ޕްރިމިއަރ ލީގުގެ އެހެން ކްލަބުތަކުން ދަނީ ބަދަލު ހޯދުމާ ބެހޭ ގޮތުން ގާނޫނީ ލަފާ ހޯދަމުންނެވެ.

ސިޓީއަށް ދޭނެ އަދަބުތައް އަދި އިއުލާނުކޮށްފައި ނުވި ނަމަވެސް، އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ޕޮއިންޓް އުނިކުރުން، ޕްރިމިއަރ ލީގުން ރެލިގޭޓް ކޮށްލުން ނުވަތަ ބޮޑު ޖޫރިމަނާއެއް ކުރުން ހިމެނެއެވެ.

އަލް މުބާރަކް އިތުރަށް ބުނީ ސިޓީގެ އަގުވައްޓާލަން ގިނަބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.