މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގގައި ބޭއްވި ކައިވެނި ޙަފްލާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއް އަހަރުން ދަށުގެ ދެކުއްޖަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ އަށްމަހުގެ އަންހެން ކުއްޖަކާއި 9 މަހުގެ އަންހެންކުއްޖެކެވެ. މިދެކުދިންނާއެކު މިހާތަނަށް ކައިވެނި ހަފްލާއިން 10 އަހަރުން ދަށުގެ 15 ކުއްޖަކުވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި 2 އަހަރުގެ ކުއްޖަކާއި 3 އަހަރުގެ 3 ކުއްޖަކުވެސް ހިމެނެއެވެ. އެޗްޕީއޭގެ ޑޭޝް ބޯޑުގައިވާ މަޢުލޫމާތަށްބަލާއިރު ކައިވެނީގެ ހަފްލާގެ ކްލަސްޓަރގައި ހިމެނޭ 13 މީހުން އިއްޔެވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހަފްލާއިން 60 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.
ޝީ ބިލްޑިންގަގއި ބޭއްވި ކައިވެނީގެ މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވެފައިވާ ކަމަށް އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި "ކްލަސްޓަރ"ގެ ފުރަތަމަ ކޭސް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 23ވަނަ ދުވަހުއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހޯމަ ދުވަހު އިރުއޮއްސި ހަޔަކުން އަންގާރަ ދުވަހުގެ އިރު އޮއްސި ހަޔަކާ ހަމައަށް ރާއްޖެއިން 31 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 27 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވީ 20 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 4 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 5 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި 2 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ ތޭރަހާސް ހަސަތޭކަ ނުވަދި އެކަކަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ތޭރަހާސް އެއްސަތޭކަ ނުވަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ކޯވިޑް-19އަށް ރާއްޖެއިން ފަރުވާ ހޯދަމުންދަނީ 527 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 27 މީހުންނަށެވެ. މިހާތަނަށް ރާއްޖެއިން ތޭރަހާސް ހަސަތޭކަ ނުވަދި އެއް މީހަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި ދެހާސް ހަސަތޭކަ ސާޅީސް ހަތަރު ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިހާތަނަށް މިބަލި ދެނެގަތުމަށް ތިންލައްކަ އެގާރަހާސް ފަސްސަތޭކަ ސާދަ ސާމްޕަލްވަނީ ނަގާފައެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ
ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި މަދުވަމުންދިޔުމާ ގުޅިގެން އެޗްޕީއޭއިންވަނީ ލުއިތަކެއްދީފައެވެ. އެގޮތުން މާލޭގައި އިޢުލާންކޮށްފައި އޮތް ކަރފިއުވަނީ އުވާލާފައެވެ. އަދި ވަކި އުސޫލެއްގެ ދަށުން އެކި ހަފްލާތަކާއި ރަސްމިއްޔާތުތަކާއި ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަވެސްވަނީ ދެއްވާފައެވެ. އޭގެ ދަށުން މީހުންނަށް ދައުވަތު ދިނުމުގައާއި ބަންދު ތަންތަނުގައި މިފަދަ އިވެންޓުތައް ބާއްވާނަމަ ޢަމަލުކުރަންވީ ގޮތާއި ކެއިންބުއިމުގެ ކަންކަން އިންތިޒާމުކުރަންވީ ގޮތް ވަރަށް ސާފުކޮށްވަނީ ބަޔާންކުރައްވާފައެވެ.
މިހާރު ދީފައިވާ ލުއިތަކާއެކުވެސް ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ނޫނީ ކޯވިޑް-19އިގެ ވައިރަހުގެ ނުރައްކާ ކުޑަނުކުރެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.