ދުބާއީން ހޮވާ 21 ވަނަ ގަރުނުގެ އެންމެ މޮޅު ފުޓުބޯޅަ ކުލަބުގެ އެވޯޑް ސްޕެއިންގެ ޗެމްޕިއަން އަދި ދުނިޔޭގެ ކްލަބް ފުޓުބޯޅައިގެ ގަދަބާރު ރެއާލް މެޑްރިޑަށް ލިބިއްޖެއެވެ.
ރެއާލުން މި އެވޯޑް ހާސިލްކުރީ އެ ކުލަބާއި އެންމެ ވާދަވެރި ބާސެލޯނާ އާއި މިސްރުގެ އަލް އަހްލީ ސްޕޯޓްސް ކުލަބާއި، ޖަރުމަނުގެ ބަޔާން މިއުނިކާއި ވާދަކޮށް ކުރިހޯދައިގެންނެވެ. ރެއާލް އަށް ކުރި ލިބުނީ ޖުމްލަ 36 އިންސައްތަ ވޯޓު ހޯދައިގެންނެވެ. ރެއާލަށް މި އެވޯޑް ލިބިފައިވަނީ ދުބާއިގެ ބުރުޖު ހަލީފާގެ އަރްމާނީ ހޮޓަލުގައި ބޭއްވި ދުބާއި ގޮލޯބަލް ސޮކާ އެވޯޑްސް 2020 ހަފްލާގައެވެ. މިއީ 2001 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ޓީމެއްގެ ގޮތުގައި އެންމެ ގިނަ ކާމިޔާބީ ތަކާއި ޝަރަފު ހޯދާފައިވާ ޓީމަށް ލިބިގެންދާ އެވޯޑެކެވެ.
އެ ކުލަބުން ވަނީ ފާއިތުވީ 20 އަހަރު ތެރޭގައި ޖުމްލަ 29 ޓްރޮފީއެއް ހޯދާފައެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރަށް ހޯދުމާއި، ސްޕެނިޝް ލީގު ހަތް ފަހަރަށް ހޯދުމުގެ އިތުރުން ކޮޕާ ޑެލް ރޭ ދެ ފަހަރަށް ހޯދުން ފާހަގަ ކުރެވެއެވެ.