ޚަބަރު

ސްކިލްސް ފޯ އަ ރެޒިލިއަންޓް ވާކްފޯސްގެ ދެވަނަ ބުރުގައި 250 ދަރިވަރުން


ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ "ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް"ގެ ދެވަނަ ބުރުގެ ކޯސްތައް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އިފްތިތާހްކޮށްދެއްވައިފިއެވެ.

މިކޯސް އިފްތިތާހްކޮށްދެއްވަމުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިޕްރޮގްރާމްތަކުގެ ސަބަބުން އިތުރު ތައުލީމާއި ހުނަރު ދަސްވެ، ދަރިވަރުންނަކީ ޒިންމާދާރު އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ވަރުގެ ފުރުސަތު ފަހިވެފައިވާ ބަޔަކަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މިޕްރޮގްރާމްތަކަކީ ދަރިވަރުންނަށް ވަރަށް ކާމިޔާބު ޕްރޮގްރާމްތަކެއް ކަމަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމްތަކުން މަސައްކަތާއި ހުނަރު ދަސްވުމުގެ އިތުރުން ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް އިންތިހާއަށް ފަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމޭނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އިތުރުން ދަރިވަރުންގެ ޒިންމާވެސް ފުރިހަމަގޮތުގައި އަދާކޮށްގެންކަމަށެވެ.

ސްކިލްސް ފޯ އަ ރެޒިލިއަންޓް ވާކްފޯސްގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގަން ހަމަޖެހިފައިވާ 24 ކޯހުގެ ތެރެއިން ދެވަނަ ބުރުގައި ފެށުމަށް ހަމަޖެހިފައިވަނީ 18 ކޯހެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ކޯސްތަކަށް ޖުމްލަ 3500 ކުދިން ކުރިމަތިލާފައިވާއިރު މި ކޯސްތަކަށް ޝަރުތު ހަމަވެ ކޯހަށް ހޮވިފައިވަނީ 250 ކުދިންނެވެ. މޯލްޑިވްސް ޕޮލިޓެކްނިކުން މައުލޫމާތު ދެއްވި ގޮތުގައި މިފަހަރުގެ ކޯސްތަކަށް ކުދިން ހޮވުމުގައި ބޮޑަށް އިސްކަންދީފައިވަނީ ކޯސް ފުރިހަމަކޮށް ފުލްޓައިމް ވަޒީފާއަކަށް ދިއުމަށް ޝައުގުވެރިކަން ހުރި ކުދިންނަށެވެ.

"ސްކިލްސް ފޯ އަ ރެޒިލިއަންޓް ވާކްފޯސް" އަކީ ދިވެހި ސަރުކާރުގެ އިސްނެގުމުގެ ދަށުން ކޯވިޑް-19ގެ ހާލަތުން އަރައިގަނެ އިޤްތިޞާދު އަލުން ފެށުމަށް ތައްޔާރުވާއިރު އެކި ސިނާޢަތްތަކަށް ބޭނުންވާ ދިވެހިން ތަމްރީނުކުރުމަށް ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ކިޔެވުން ނިންމާ ދަރިވަރުންނަށް އެ ނިންމި ކޯހަކާއި ގުޅޭ އިންޓަރންޝިޕް ހަމަޖައްސާދެވޭނެއެވެ. އަދި ކޯހުގައި ކިޔަވާ ދަރިވަރުންނަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން 2000 ރުފިޔާގެ ޕޮކެޓްމަނީއެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.