ސިޔާސީ

އަންނަ އަހަރު ޕާޓީތަކަަށް ފައިސާ ދޫކުރާނެގޮތް އީސީން ހާމަކޮށްފި


އަންނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިނގިލީގެ ނިޝާނާއެކު ހުށަހަޅާ ފޯމްތަކަށް އެކަނި ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިކަން މިއަދު ހުރިހާ ސިޔާސީ ޕާޓީތަކަށް އަންގާނެކަމަށާއި މިއަހަރުގެ ނިޔަލަށް ހުރިހާ ޕާޓީއެއްގައިވެސް ތިބެންޖެހޭނީ އިނގިލީގެ ނިޝާނާއެކު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންކަމަށެވެ.

އެގޮތުން، ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްދިނުމަށްއެދި ޕާޓީތަކުން ހުށަހަޅާފައި ހުރި ފޯމުތަކުގައި އިނގިލީގެ ނިޝާން ހަމަކުރަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އިނގިލީގެ ނިޝާންޖެހުމަށް ހަމަސްދުވަހުގެ މުއްދަތެއްވެސް އެކޮމިޝަނުންވަނީ ދީފައެވެ. މި މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަހުމަދު އަކުރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތަށް، ޕާޓީތަކަށް ވަނުމަށް އެދި ހުށަހަޅާ ހުރިހާ ފޯމެއްގައި ވެސް އިނގިލީގެ ނިޝާން ޖަހަން ޖެހޭނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޕާޓީތަކުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަމްބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއިކުރި ތާރީޚު އެނގެންޖެހޭނެއެވެ. 

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ގޮތުގައި 14 ޕާޓީއެއް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވެއެވެ.