މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ޚިދުމަތް ހޯދާ ޢާއްމުނާއި މުވައްޒަފުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމަކީ މުހިންމުކަމެއްގެގޮތުގައި ދެކި ސަމާލުވުމަށް އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޝާހިދު ޢަލީ ގޮވާލައްވައިފިއެވެ.
ޝާހިދު ޢަލީ މިގޮތަށް ގޮވާލެއްވީ އެމްއެންޑީއެފާއި އެމްޕީއެލް ގުޅިގެން ކުރިޔަށްގެންދިޔަ އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި އެމްޕީއެލްއަކީ، އެކިއެކި ފަރާތްތަކުގެ މުދަލާ ގުޅިފައިވާ ތަނަކަށްވާތީ އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެމްޕީއެލް ސަރަޙައްދަކީ ޖާގައިގެ ގޮތުން ދަތި ތަނަކަށް ވެފައި އެތަނުގައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭތީ ސަލާމާތާއި ރައްކަތެރިކަމަށް އިސްކަންދިނުމަށް ޚާއްސަ ޕްރޮގްރާމުތައް ހިންގުން ވަރަށް މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.
"މަސައްކަތް ކުރަން އަޅުގަނޑުމެންނަށް ލިބިފައިވާ މާހައުލަކީ ވަރަށް ވެސް ދަތި މާހައުލެއް. މިހާރު މިގެންނަ ވަރަށް ކާގޯ އަދި ކޮންޓެއިނަރ ގެނައުމުގައި ލިބެންވާ ވަޞީލަތްތައް ލިބިފައެއް ނުވޭ. މިދަތިކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް ދިމާވާ ރިސްކުތައް އިތުރުވާތީ ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭ ފަޔަރ އެންޑް ރެސްކިޔު ސަރވިސަސް މިހާރަށްވުރެ ހަރުދަނާ ކުރުމަށް." ޝާހިދު ވިދާޅުވިއެވެ.
އެމްއެންޑީއެފާ ގުޅިގެން ކުރިޔަށް ގެންދިޔަ ކޯހަކީ އެމްޕީއެލްގެ ފަޔަރ ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ކޯހެކެވެ. މިކޯހުގެ ބައެއް ބައިތައް ވަނީ ގިރިފުށީގައިވެސް ކުރިއަށް ގެންގޮސްފައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މި ޕްރޮގްރާމުގައި އެމްޕީއެލްގެ ފަޔަރ ޑިޕާޓްމަންޓްގެ 13 މުވައްޒަފަކު ބައިވެރިވެ ވަނީ ސެޓްފިކެޓް ޙާސިލްކޮށްފައެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަޔަރ ރެސްކިޔު ސަރވިސަސްގެ ޕްރިންސިޕަލް ޑިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ނަދީމް އިބްރާހީމް ވިދާޅުވީ އެމްޕީއެލް ފަދަ ތަނެއްގައި ކުއްލި ޙާލަތުގައި މަސައްކަތް ކުރާނެ ބަޔަކު ތިބެންވާނެ ކަމަށެވެ.
"އެމްޕީއެލްއަކީ ވަރަށް ރިސްކީ މަސައްކަތް ކުރަމުންދާ ތަނެއް. ތަފާތު ކެމިކަލްތަކާއި މުދާތައް ހުންނަ ތަނެއް މިތަނަކީ. މިތަނުގައި ކަމެއް ދިމާވެއްޖެނަމަ ވަގުތުން އެކަމުގައި ޙަރަކާތްތެރިވާނެ ބަޔަކު ތިބުމަކީ ވަރަށް މުހިންމުކަމެއް." ލެފްޓިނެންޓް ކާނަލް މުޙައްމަދު ނަދީމް އިބްރާޙީމް ވިދާޅުވިއެވެ.
އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހާ ގުޅިގެން އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރ އިބްރާހީމް ޒާހިރު ވިދާޅުވީ އެމްޕީއެލްއިން މުވައްޒަފުންނާއި މުދާ ރައްކާތެރިކުރުމަށް މިފަދަ ގިން ޕްރޮގްރާމުތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ބައެއް ޕްރޮގްރާމުތައް ކުރިޔަށް ގެންދެވިފައި ނުވިނަމަވެސް އަންނަ އަހަރުގެ ތެރޭގައި ފަޔަރ އެސްކޭޕް ޑްރިލްތަކާއި ރިސްކް އެސެސްމަންޓްތައް ވެސް އެމްއެންޑީއެފްއާ ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.