ޚަބަރު

މަސްތުވާތަކެއްޗާއެކު 8 މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަތަރު ރަށަކުން މަސްތުވާ ތަކެއްޗާއެކު 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި ނ. ވެލިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ލިބިގެން މިމަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އުމުރުން 30 އަހަރުން މަތީގެ 5 މީހަކުވަނީ ހައްޔަރުކޮށްފައެވެ.. އަދި ތ. ވިލުފުށީގައި މިމަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދުގެ މުއްދަތަށް ވިލުފުށީ މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ޖަހާދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ދ. ކުޑަހުވަދޫގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ދެ ސެލޯފިންކޮޅުވަނީ ފެނިފައިވާ ކަމަށާއި ހުޅުދެލި މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މީގެ އިތުރުން މާލެއިން ފުރައިގެން މ. ވޭވަށަށް ދަތުރުކުރާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ފުލުހުން ވަނީ 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެގޮތުން މި އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެތި ހުރި ރަބަރު ޕެކެޓަކާއި ބަނގުރާކަމަށް ބެލެވޭ ދެ ފުޅި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މީހާގެ ބަންދުގެ މުއްދަތައް މުލީ މެޖިސްޓްރޭޓް ކޯޓުން 7 ދުވަސް ވަނީ ޖަހާފައެވެ.

މި ހަތަރު މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އިތުރަށް މައްސަލަތައް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.