ވިލާތުގެ ޤައުމުތަކުގައި ކޯވިޑް-19 ވެކްސިން ދޭން ފެށުމަށް ތައްޔާރުވެއްޖެއެވެ. ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަޙައްދަކީ ވިލާތެވެ. އެ ސަރަޙައްދުގައި މިހާތަނަށް 22.5 މިލިއަން މީހުންނަށް ކޯވިޑް ޖެހި 518،663 މީހުންވަނީ މަރުވެފައެވެ.
450 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިލާތުންވަނީ ކޯވިޑް ވެކްސިންގެ ދެ ބިލިއަން ޑޯޒް ގަތުމަށް އެކި ސަޕްލަޔަރުންނާއިއެކު އެއްބަސްވުންތައް ހަދާފައެވެ. އަންނަ އަހަރުގެ ތެރޭގައި އެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ މީހުންނަށް ވެކްސިން ދިނުމަށް ވިލާތުންވަނީ އަމާޒު ހިފާފައެވެ.
ވިލާތުގެ ޤައުމުތަކުގެ ޞިއްޙީ ނިޒާމުތަކަކީ އެންމެ ވަޞީލަތްތައް ގިނަ އަދި އެންމެ ކުރިއަރާފައިވާ ޚިދުމަތްތައް ލިބެންހުރި ނިޒާމުތަކެވެ. ނަމަވެސް ވިލާތުގެ ބައެއް ޤައުމުތަކުގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ރިޓަޔަރ ކޮށްފައިވާ ޞިއްޙީ ޚިދުމަތްތެރިން މަސައްކަތަކަށް ނުކުތުމަށްވަނީ ގޮވާލާފައެވެ. އަދި އިންޖެކްޝަން ދިނުމުގެ ޙުއްދަ ދޭ ފަރާތްތަކަށް ލުއި ދީފައިވާތީވެ އެ ޤައުމުތަކުގެ ވެކްސިން ކެންޕެއިނުގެ ބޮޑުކަން ހާމަވެގެން ދެއެވެ.
ބައެއް ދިރާސާތަކުން ދައްކާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުގެ ރައްޔިތުން ވެކްސިން ޖެހުމާއިމެދު ވަރަށް ބޮޑަށް ފަސްޖެހެއެވެ. ނަމަވެސް 27 ޤައުމު ހިމެނޭ ވިލާތުގެ އިއްތިޙާދުން މަސައްކަތް ކުރަމުންދަނީ ކޯވީޑްގެ ކުރިން ޤައުމަތައް އޮތް ހާލަތަށް އަލުން އެނބުރި ދެވޭނީ ވެކްސިން ޖެހުމުންކަމަށް ބުނެ މީހުން އެކަމަށް ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ކޯވިޑް ފެތުރުން ހުއްޓުވުމަށް ވިލާތުގެ ޤައުމުތަކުން އެކުގައި މަސައްކަތްކޮށްފައި ނުވާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންވަނީ ވިލާތުގެ ޤައުމުތަކުގެ ސަރުކާރުތަކަށް އަމާޒުވެފައެވެ. ނަމަވެސް މި ޙާލަތުގައި ވިލާތުގެ ޤައުމުތަކުގެ އަމާޒަކީ ސަރަޙައްދީ ހުރިހާ ޤައުމަކަށްވެސް ހަމަހަމަކޮށް ވެކްސިން ފޯރުކޮށްދިނުމެވެ. ކަން އެހެން އޮތް ނަމަވެސް މި ޙާލަތުގައިވެސް ވިލާތުގެ ޤައުމެއްކަމަށްވާ ހަންގޭރީން ވަނީ ކަނޑައެޅިފައިވާ ރަސްމީ ތާވަލާއި ޚިލާފަށް އެ ޤައުމުގެ ކުރީ ސަފުގައި ޙާރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނަށް މާ ކުރިން ވެކްސިން ދޭން ފަށައިފައެވެ.
ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، އޮސްޓްރިއާ، ޕޯޗުގަލް އަދި ސްޕެއިނުންދަނީ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހު ފުޅާ ވެކްސިން ދިނުމުގެ މަޝްރޫޢުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އެ ޤައުމުތަކުގައި ފުރަތަމަ ވެކްސިން ދޭނީ ޞިއްޙީ ޚިދުމަތްތެރިންނަށެވެ. ފާއިތުވި ހަފުތާތަކުގައި ވިލާތުގެ އިއްތިޙާދުގައި ނުހިމެނޭ އިނގިރޭސިވިލާތާއި ސްވިޒަލޭންޑާއި ސާބިއާއިންވަނީ ވެކްސިން ދިނުމުގެ މަޝްރޫޢުތައް ފަށައިފައެވެ.