ސިއްހަތު

އަތޮޅުތަކަށް މެޝިނަރީޒްގަތުމަށް 98 މިލިއަން ރުފިޔާ ހަރަދުވި


އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ މެޝިނަރީޒްތަކާއި، މެޑިކަލް ކޮންސިއުމަބަލްސް ގެނައުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ކުރަމުންދާ މަސައްކަތުގެ ދަށުން، %75 ސާމާނު ރާއްޖެގެނެވި، އެތަކެތި ބެހުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވީ، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ގިނަ މެޝިނަރީޒްތަކަކީ ބޮޑެތި މަރާމާތުތަކެއް ކުރަންޖެހިފައިވާ މެޝިނަރީޒްތަކެއް ކަމަށެވެ. އަދި ބައެއް މެޝިނަރީޒްތައް މަރާމާތުކޮށްގެންވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ. ޤާސިމް ވިދާޅުވީ އެތަކެތި އަލުން އޯޑަރުކޮށްގެން ރާއްޖެ ގެނެއުމަށް ބޮޑެތި ޚަރަދުތަކެއް ދައުލަތުން ކުރަންޖެހޭކަމަށާއި، އެގޮތުން އެސް.ޓީ.އޯއާއި ހަވާލުކޮށްގެން ގެނެވުނު ފުރަތަމަށް ޝިޕްމަންޓަށް އެކަނިވެސް 98 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަމަށެވެ. އަދި މެޑިކަލް އިކުއިޕްމަންޓުތަކާއި މެޝިނަރީޒްތައް ރާއްޖެ އެތެރެކޮށް، އެތަކެތި އަތޮޅުތަކަށް ބެހުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިނަމަވެސް، އެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި މިނިސްޓްރީގެ ފަރާތުން ކުރައްވަމުންދާކަމަށެވެ.މީގެ އިތުރުން ޤާސިމް ވިދާޅުވީ، ހޮސްޕިޓަލްތަކަށާއި، ހެލްތް ސެންޓަރުތަކަށް ބޭނުންވާ ބޭހާއި، މެޑިކަލް ކޮންސިއުމަބަލްސް އަދި ރީ-އޭޖެންޓްސް ހޯދުމަށް މަހެއްގެ މައްޗަށް 12 މިލިއަން ރުފިޔާ ހަރަދުވާކަމަށެވެ. އަދި ގަވާއިދުން އެތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ހެލްތު މިނިސްޓްރީގެ ފަރާތުން ކުރައްވަމުންދާކަމަށާއި، މީގެކުރިން ސިއްހީ އާލަތްތައް ހުސްވެގެން އަތޮޅުތަކުން ގިނަ ޝަކުވާތަކެއް ލިބުނުނަމަވެސް، އެ މައްސަލަ މިހާރު ވަރަށް ބޮޑަށް ހައްލުކުރެވިފައިވާކަން ޤާސިމް ފާހަގަކުރެއްވިއެވެ.