ޚަބަރު

ތިލަފުށީ އަލިފާނުގެ ޙާދިސާގައި ފިހުނު މީހަކަށް އައިސީޔޫގައި ފަރުވާދެނީ


ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ދެމީހުންގެ ތެރެއިން ދިވެހި ފިރިހެންމީހާއަށް އައިސީޔޫގައި ފަރުވާދޭންފަށައިފިއެވެ.

އައިޖީއެމްއެޗުގެ މީޑިޔާ އޮފިސަރ ޙައްވާ އަފޫފާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވި ގޮތުގައި އެމީހާގެ ހަށިގަނޑުގެ %20 ވަނީ ފިހިފައެވެ. ކައިރިކައިރީގައި އޮތް ދެ ދޯންނިން އެއް ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ހިނގި މިޙާދިސާގައި ފިހިފައިވަނީ ދިވެހި ފިރިހެނަކާއި ބިދޭސީއެކެވެ. އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވާ ގޮތުގައި ބިދޭސީ މީހާ ވަނީ ފަރުވާއަށްފަހު ދޫކޮށްލައިފައެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއިން ހާމަކުރައްވާފައިވާ ގޮތުގައި ދެ ދޯނީގައި ރޯވި އަލިފާންގަނޑު ގަޑިއެއް ހާއިރު ތެރޭގައި ވަނީ ނިއްވާލާފައެވެ. އަދި ދެ ދޯންޏަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވައެވެ.