ދުނިޔޭގެ ވިޔަފާރި

ރިލީފް ޕެކޭޖަށް ޓްރަމްޕް ބޭނުނުންފުޅުވާ ބަދަލުތައް ގެނައުމަށް ޤާނޫނު ހަދާ މަޖިލީހުން ދެކޮޅު ހަދައިފި


ކޯވިޑް ރިލީފް ޕެކޭޖަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބޭނުނުންފުޅުވާ ބަދަލުތައް ގެނައުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ.

ދިގު އިންތިޒާރަކަށްފަހު އެމެރިކާގެ ކޯވިޑްގެ އައު ރިލީފް ޕެކޭޖްގެ ބިލް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް ރައީސް ޓްރަމްޕަށް ތަސްދީޤުކުރަން ފޮނުވާފައިވަނީ މި ހަފުތާގެ ކުރީކޮޅެވެ.

ކޯވިޑް ރިލީފް ޕެކޭޖް ފާސްކޮށްފައިވަނީ ރައީސް ޓްރަމްޕް ބޭނުންފުޅުވާގޮތަށްކަމަށް މީގެ ކުރިން ވާހަކަދެކެވުނު ނަމަވެސް، ރައީސް ޓްރަމްޕް މި ޕެކޭޖްއަށް ބަދަލުގެނައުމަށް ނިންމުމުން މިކަމާއި ގިނަ ފަރާތްތަކުން ވަނީ ހައިރާވެންފައެވެ. ކޯވިޑް ރިލީފް ޕެކޭޖަށް ރައީސް ޓްރަމްޕް ބޭނުނުންފުޅުވާ ބަދަލުތައް ނުގެނެސްފިނަމަ މި ބިލް ވީޓޯކުރުމަށް ވިސްނަމުންދާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މި ސަބަބަށްޓަކައި ބިލްއަށް ބަދަލު ގެނައުމަށް ބުރާސްފަތިދުވަހު ޤާނޫނު ހަދާ މަޖިލީހުގައި ވަނީ ބަހުސްކޮށްފައެވެ.

ރައީސް ޓްރަމްޕް ގެންނަން ބޭނުންފުޅުވި ބަދަލެއްކަމުގައިވާ ކޯވިޑްގެ އަސަރުކުރި މީހުންނަށް ދޭ އެހީ 600 ޑޮލަރުން ދެހާސް ޑޮލަރަށް އިތުރުކަން ހުށަހެޅި ހުށަހެޅުން އިދިކޮޅު ޑިމޮކްރެޓުން ތާޢީދުކޮށް ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއަށް ހުށަހަޅާފައެވެ. އެހެންނަމަވެސް، މިފަދަ ބަދަލެއް ގެނައުމަށް ޓްރަމްޕް ނިސްބަތްވެވަޑައިގަންވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ދެކޮޅު ހެއްދެވުމުން މި ބަދަލު ގެނައުމުގައި ވަނީ ނާކާމިޔާބުވެފައެވެ.

މީގެ އިތުރުން ޓްރަޕްގެ އެދިލެއްވުމުގެ މަތިން ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ މި ޕެކޭޖްގައި ބޭރު ޤައުމުތަކުންދޭ އެހީގެ އަދަދު އިތުރު ކުރުމަށް ހުށަހަޅާފައެވެ. އެހެންނަމަވެސް މިކަން ކުރުމަށް އިދިކޮޅު ޑިމޮކްރެޓުން ދެކޮޅު ހެއްދެވުމުން މި ބަދަލު ގެނައުމުގައިވެސް ވަނީ ނާކާމިޔާބުވެފައެވެ.

ކޯވިޑްގެ އައު ރިލީފް ޕެކޭޖްއަކީ 892 ބިލިއަން ޑޮލަރުގެ ބޮޑު ރިލީފް ޕެކޭޖްއެކެވެ. މި ޕެކޭޖާއެކު ސަރުކާރުގެ ޚަރަދުކުރުމަށް 1.4 ޓްރިލިއަން ޑޮލަރުގެ އިތުރު ބަޖެޓެއް ހިމަނާފައިވާއިރު މި ޕެކޭޖް ފާސްކުރުމުން މި ޕެކޭޖް ވެގެންދާނީ މިއަހަރުގެ މާރޗް މަހު ފާސްކުރި 2.3 ޓްރިލިއަން ޑޮލަރުގެ އެއިޑް ޕެކޭޖަށް ފަހު އެމެރިކާގެ ތާރިޚުގައިވެސް ފާސްކުރާ އެންމެ ބޮޑު ރިލީފް ޕެކޭޖަށެވެ.

މި ބިލްއަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ސަފްޙާގެ އެކުލެވޭ ބިލެވެ. އެގޮތުން މި ބިލްގައި ފަސް ހާސް ފަސްސަތޭކަ ނުވަދިހަ ތިން ޞަފްޙާ ހިމެނެއެވެ. މި ޕެކޭޖްގެ ދަށުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހަފްތާއަކު 300 ޑޮލަރުގެ އިނާޔަތެއް ދޭން ނިންމާފައިވާއިރު، ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި ވިޔަފާރިތަކަށް އައު ސަބްސިޑީތަކެއް ތަޢާރަފްކުރުމާއި ސްކޫލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޚާއްސަ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. ކޯވިޑްގެ އައު ރިލީފް ޕެކޭޖް ފާސްކުރުން ލަސްވާވަރަކަށް އެމެރިކާގެ އިޤްތިޞާދަށާއި އާންމު ރައްޔިތުންނަށް ކުރާ އަސަރު ބޮޑުވެ އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު ތަޖުރިބާކާރުން ދަނީ ފާޅުކުރަމުންނެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ މި ބިލް ފާސްކުރުމަށް ފަހު އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އިތުރު 1.4 ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ފާސްކުރުމަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ.

ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ހުށަހަޅާފައިވާ އެއްވެސް ބިލެއް ޤާނޫނު ހަދާ މަޖިލީހުން ފާސްނުވެ ދިގު ދެމިގެން ދިއުމުން، ޤައުމު ހުއްޓުމަކަށް ނުގެނައުމަށް ހަފްތާއަކަށް ޚަރަދު ކުރެވޭވަރުގެ ބިލެއް ސެނެޓުން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފައެވެ. މިހާރު މަސްރަޙު ފެންނަ ގޮތުން ޤައުމު ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދިއުމަށް މިފަދަ އިތުރު ބިލެއް ފާސްކުރަންޖެހިދާނެކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކޯވިޑްގެ ރިލީފް ޕެކޭޖަށް ވާނެގޮތެއް ނޭނގި ހުއްޓިފައިވާއިރު، ރައީސް ޓްރަމްޕް ދާދިފަހުން ވަނީ އަމިއްލަ ޕާޓީގެ މެމްބަރުން ދެކެ ނުރުހުންވެވަޑައިގެން ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް ތަސްދީޤްކުރުމަށް ފޮނުވި ޑިފެންސް ފަންޑިންގ ބިލް ވީޓޯ ކުރައްވާފައެވެ.