ޚަބަރު

މާޗުމަހު އިންތިޚާބު ނުބޭއްވޭނެ ހާލަތެއް އަދި ނާދޭ: އިލެކްޝަންސް


އަންނަ މާރޗް މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު އެތާރީޚުގައި ނުބޭއްވޭނެ ހާލަތެއް އަދި ނާންނަކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާރޗްމަހުގައި އިންތިޚާބު ނުބޭއްވޭނެކަމަށް ބައެއް މީޑިޔާތަކުން ދައްކާފައިވާ ވާހަކަތައް ދޮގުކުރައްވައި، ޝަރީފް ވިދާޅުވީ އިންތިޚާބު ނުބޭއްވޭނީ މިހާރު އިއުލާނު ކޮށްފައިވާ އާއްމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފިކަމުގައިވާނަމައެވެ. ނަމަވެސް މިހާތަނަށް އައިރު އެ މުއްދަތުގެ ފަހުން ކަންކަން ވެގެންދާނެ ގޮތެއް އަދި ސާފު ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅިގެންދާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ފަހުން އެ ނިންމުމާއިމެދު ނިންމާ ގޮތެއްގެ މަތިންކަމަށް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ފުރަތަމަ ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރީލްމަހުގެ 4 ވަަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމުގެ ސަަބަބުން އިންތިޚާބު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

އިންތިޚާބާއި ބެހޭ ޤާނޫނު ބުނާގޮތުން ރާއްޖޭގައި އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތްހާ ހިނދަކު އިންތިޚާބު ބޭއްވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނަށް ލިބިގެނެއް ނުވެއެވެ. އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންދާއިރު، ކޮމިޝަންގެ ރައީސް ވިދާޅުވީ އިންތިޚާބު ބޭއްވޭނެ ފަދަ ހާލަތަކަށް އައުމާއެކު، އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވުމަށް އެކޮމިޝަނުން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބު ކޮންމެ ތާރީހެއްގައި ބޭއްވިޔަސް އެންމެބޮޑު އިސްކަމެއް ދެއްވާނީ ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށް އިންތިޚާބު ބޭއްވުމަށްކަމަށެވެ. އެގޮތުން ކެމްޕެއިން ކުރުމަށް ދޭންޖެހޭ ޤާނޫނީ މުއްދަތު ދިނުމާއި، މިނޫންވެސް ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމަށްފަހު އިންތިޚާބު ބާއްވަން ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އަންނަ އަހަރުގެ މާރޗްމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަނުން މަސައްކަތް ކުރަމުންދާ ކައުންސިލް އިންތިޚާބް ބޭއްވޭނީ މިހާރު ދަމަހައްޓާފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެންނެވެ. މިމުއްދަތު އަންނަ މަހުގެ 4 ވަނަ ދުވަހަށް ހަމަވާނެއެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން ކޭސްތައް ފެންނަ މިންވަރު ދަށްވެ ބޮޑެތި ލުއިތަކެއް ދަނީ ދެމުންނެވެ. ނަމަވެސް ޞިއްޚީ ކުއްލި ހާލަތު އުވާލުމާއިމެދު އަދި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.