ކުޅިވަރު

ރެއާލްމެޑްރިޑް އެތުލެޓިކޯއާ އަރާ ހަމަކޮށްފި


މެޑްރިޑް މޮޅުވެ އެއްވަނައިގަ އޮތް އެތުލެޓިކޯއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފިއެވެ.

ސްޕެނިޝް ލަލީގާގައި ރެއާލްމެޑްރިޑުން ގްރެނާޑާ ބަލިކޮށް ލީގުގެ އެއްވަނައިގައިވާ އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މެޑްރިޑު ކުރި ހޯދީ ގްރެނާޑާއާ ވާދަކޮށް 2-0 ލަނޑުންނެވެ.

ދެވަނަހާފްގައި ލަނޑުތައް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ކަސްމެރޯ ކާމިޔާބުކުރި އިރު ފަހު ލަނޑު މެޗުގެ އިތުރުވަގުތުގެ ފަހު މިނެޓުގައި މެޑްރިޑަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒީމާއެވެ. މެޗުގެ ފުރަތަމަ ލަނޑުޖެހި ކަސްމެރޯ ވަނީ މިހާތަނަށް މި ސީޒަނުގައި ހަތަރު ލަނޑު މެޑްރިޑަށް ކާމިޔާބުކޮށްދީފައެވެ. މިއީ އެންމެފަހުން މެޑްރިޑް ކުޅުނު ހަމެޗުން އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މިމޮޅާއެކު މެޑްރިޑުން ވަނީ ލަލީގާ އެންމެފަހުން ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައެވެ. މި ނަތީޖާއެކު މެޑްރިޑުން ވަނީ ތާވަލުގެ އެއްވަނައިގަވާ އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓުންގެ ގޮތުން ހަމަހަމަކޮށްފައެވެ. މެޑްރިޑަށް ވުރެ ދެމެޗު މަދުން ކުޅެގެން ތާވަލުގެ އެއްވަނައިގަ މިވަގުތު އެތުލެޓިކޯ މެޑްރިޑް އޮތީ 32 ޕޮއިންޓާއެކުގައެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ދެވަނަގައި މެޑްރިޑް އޮތްއިރު ތިންވަނައިގައި ރެއާލް ސޮސެއިދާދް އޮތީ މެޑްރިޑަށް ވުރެ އެއްމެޗު އިތުރަށް، އެތުލެޓިކޯއަށް ވުރެ ތިންމެޗު އިތުރަށް ކުޅެގެން 26 ޕޮއިންޓާއެކުގައެވެ. ސޮސެއިދާދަށް ވުރެ އެއްމެޗު މަދުން ކުޅެގެން ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ވިޔަރެއާލް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. 14 މެޗުން 24 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ފަސްވަނައިގައެވެ.