އިނގިރޭސި ކަރަބޯ ކަޕްގެ ސެމީފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ދަތުރުކޮށްފިއެވެ.
ޔުނައިޓެޑު މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ރަށުންބޭރުގައި އެވަޓަން ދެކޮޅަށް ކުޅުނު މެޗު 2-0 ލަނޑުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފަހު ކޮޅު ލަނޑުތައް ފެނިގެން ދިޔައިރު ފުރަތަމަ ލަނޑު މެޗުނިމެން 2 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ އެޑިސަން ކަވާނީއެވެ. މިއީ އޭނާ މި ސީޒަންގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ހަތަރުވަނަ ލަނޑެވެ. އަދި އެވަޓަންއާ ދެކޮޅަށް މި ސީޒަންގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
ޔުނައިޓުޑުން ޖެހި ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ފަހުމިނެޓުގައި އެންތޮނީ މާޝިއަލްއެވެ. މިއީ މުބާރާތުގެ ސެމީ ފައިނަލުން ޔުނައިޓެޑު ޖާގަހޯދި 16 ވަނަފަހަރެވެ. މިއީ އިނގިރޭސިވިލާތުގައި ކުޅޭ މުބާރާތަކުން ޔުނައިޓެޑުން ވިދިވިދިގެން ރަށުން ބޭރުގައި ހޯދި 14ވަނަ މޮޅެވެ.
މުބާރާތުގެ ސިމީ ފައިނަލުގެ ފަހު ޖާގަ ޓޮޓްނަމުން ރޭ ކަށަވަރުކުރީ ސްޓޯކް ސިޓީ ބަލިކޮށްގެންނެވެ. ރަށުން ބޭރުގައި ކުޅުނު މެޗު ޓޮޓްނަމުން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޓޮޓްނަމްގެ ގެރެތް ބޭލް ލަނޑެއް ޖަހާފަވަނިކޮށް ދެވަނަހާފުގެ ކުރީކޮޅު ސްޓޯކުން ނަތީޖާ އެއްވަރުކުރި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑަން ތޮމްޕްސަންއެވެ. ޓޮޓްނަމަށް ދެވަނަ ފަހަރު ކުރި ހޯދައިދިނީ ބެން ޑޭވިސްއެވެ. ބެން ލަނޑެއް ޖެހިތާ ގިނަ އިރުތަކެއް ނުވެ ޓޮޓްނަމްގެ ތިންވަނަ ލަނޑުޖަހާ އެޓީމުގެ ލީޑް އިތުރަށް ފުޅާކޮށްދިނީ ހެރީކޭންގެ ލަނޑުންނެވެ.
ލީގު ކަޕުގައި އެންމެފަހުން ބޭލް ކުޅުނު 8 މެޗުގައިވެސް އޭނާ ވަނީ ލަނޑުޖަހާފައެވެ. އޭނާ އެންމެފަހުން އިނގިރޭސި ލީގުކަޕުގައި ލަނޑުޖެހީ 2012ވަނަ އަހަރު ނޯވިޗް ސިޓީއާ ދެކޮޅަށެވެ. މި ސީޒަންގައި ޓޮޓްނަމަށް އެނބުރި އައުމަށްފަހު ބޭލްވަނީ ތަފާތު ތިން މުބާރާތެއްގައި ޓޮޓްނަމަށް ލަނޑުޖަހައިދީފައެވެ. ރޭގެ މެޗުގައި ފަހު ލަނޑުޖެހި ހެރީ ކޭން ވަނީ އެންމެފަހުން ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު 11 މެޗުގައި 10 ލަނޑުޖަހާފައެވެ. އެންމެފަހުން ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު 5 މެޗުވެސް ޓޮޓްނަމުން ވަނީ ކާމިޔާބުކޮށްފައެވެ.