 
										
			ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިހާރު ފެތުރެމުންދާ ބަދަލުތަކެއް އައިސްފައިވާ ކޯވިޑް-19ގެ ވައިރަހުގެ ވައްތަރުތަކުންވެސް ސަލާމަތްވެވޭނީ ބަލި ކޮންޓްރޯލުކުރުމަށް މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ޢަމަލުކޮށްގެންކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ބަދަލުތަކެއް އައިސްފައިވާ ވައިރަހުގެ ވައްތަރު ނުވަތަ އައު ސްޓްރެއިންންގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.  
މިފަދަ ބާވަތްތަކުގެ މަޢުލޫމާތު ލިބެނީވެސް އެގޮތަށް ބަލިފެތުރެން ފަށާފަހުންކަމަށާ، އެ ބާވަތްތަކުގެ ކަންކަން ގާތުން ބައްލަވަމުންދާކަމަށް ނަޒްލާ ވިދާޅުވިއެވެ.  
"މިކަމާއި ގުޅިގެން މިހާރު ހުރި ފިޔަވަޅުތައް އިމްޕްލިމެންޓޭޝަން ރަނގަޅުކުރުމާއި، އަދި ފިޔަވަޅުތަކަށް ސަމާލުކަންދީ އެކަންކަން ތަންފީޒުކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ. 
އިނގިރޭސި ވިލާތުން ފެނިފައިވާ މިވައިރަހުގެ ބާވަތާގުޅޭ މަޢުލޫމާތު ޑަބްލިއުއެޗްއޯއިންވެސް ދީފައިވާކަން ފާޖަހަގަކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ ޓެކްނިކަލް ޓީމުން އެކަމުގެ މަޝްވަރާތައް އިތުތުރަށް ކުރިއަށްގެންދާކަމަށެވެ. 
އެހެންކަމުން މިފަދަ ކަންކަމާއި ގުޅިގެން ޚާއްސަކޮށް ފަތުރުވެރިން އަންނަ ތަންތަނުގައި މިހާރުހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި ކަންކަން ގާތުންބަލައި މޮނިޓަރ ކުރުމަކީ މުހިއްމުކަމެއްކަމަށް ނަޒްލާ ވިދާޅުވިއެވެ.