ކުޅިވަރު

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އެއްވަރުވެ ފަސްވަނައަށް


ސްޕެނިޝް ލަލީގާގައި ބާސެލޯނާ ކުޅުނު މެޗު އެއްވަރުވެ ލީގުގައި ކުރިޔަށްޖެހިލަން ލިބުނު ފުރުސަތުގައި އިތުރު ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ބާސެލޯނާ އެއްވަރުވީ 2-2 ލަނޑުންނެވެ. ރޭގައި މެޗު ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ވެލެންސިޔާއިންނެވެ. ބާސެލޯނާއިން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނެލްޓީ މެސީއަށް ކާމިޔާބު ނުވުމުން ބޯޅަ ވެލެންސިޔާ ކުޅުންތެރިންނަށް ދިފާއު ނުކުރެވެނީސް ދެވަނަ ފަހަރު ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މި ޕެނެލްޓީ ބާސެލޯނާއަށް ދިނުމުގެ ކުރިން ވެލެންސިޔާގެ ޖޯސް ލުއިސް ގަޔާ އަށް ވަނީ އޭރިޔާ ތެރެއިން ކުރި ފައުލަކަށް ރަތް ކާޑުދައްކާފައެވެ. ފަހުން ވީއޭއާރް ބެލުމަށްފަހު ޕެނެލްޓީ ދިންނަމަވެސް ރަތްކާޑުގެ ނިންމުން ވަނީ ރީނދޫ ކާޑަކަށް ބަދަލުކޮށްފައެވެ.

މި ލަނޑާއެކު އެއްކުލަބަކަށް އެންމެ ގިނަލަނޑުޖަހައި ރެކޯޑް ހަދައިފަވާ ޕެލޭގެ ރެކޯޑާ މެސީ ވަނީ ހަމަކޮށްފައެވެ. މެސީ ވަނީ ބާސެލޯނާއަށް މިހާތަނަށް 643 ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ދެވަނަހާފްގައި ބާސެލޯނާއިން ރޮނާލްޑް އަރައުޖޯ ލީޑް ނަގައި ދިން ނަމަވެސް މެކްސީ ގޯމޭޒް ވަނީ ލެނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗު އެއްވަރުވުމުން ބާސެލޯނާ އޮތީ 13 މެޗުން ލިބުނު 21 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.

ރޭ ލީގުގައި އެތުލެޓިކޯ މެޑްރިޑްވަނީ މޮޅުވެ ތާވަލުގެ ކުރީގައި ތިންޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެތުލެޓިކޯ މެޑްރިޑު މެޗު ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި އެލްޗޭއާ ވާދަކޮށް 3-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ އެތުލިޓިކޯ އަށް ލުއިސް ސުއަރޭޒް ދެލަނޑު ޖެހިއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޯސްޓާއެވެ.

ރޭގެ މެޗުގައި ފުރަތަމަ ދެ ލަނޑުޖަހަން އެހީތެރިވެދިން އެތުލެޓިކޯގެ ކޮރްރެއާ އާއި ޓްރިޕާ މި ދެކުޅުންތެރިން އެކުވެގެން ވަނީ އެންމެފަހުން ލަލީގާގައި އެތުލެޓިކޯއިން ޖެހި 10 ލަނޑުގެ ތެރެއިން 7 ލަނޑުޖެހުމުގައި އެހީތެރިވެފަ. މެޗުގައި އެލްޗޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ލޫކާސް ބޯއީއޭއެވެ. އޭނާ ވެފައިވަނީ އެތުލެޓިކޯގެ މެޓްރެޕޮލިޓާނޯގެ ދަނޑުގައި މި ސީޒަނުގައި ލަނޑުޖެހި އާޖެންޓީނާގެ ދެވަނަ ކުޅުންތެރިޔާއަށެވެ.

ރޭގަ މެޗުގައި ދެލަނޑު ޖެހި ސުއަރޭޒް ވަނީ ލަލީގައި 200 މެޗު ހަމަކޮށްފައެވެ. އެއީ އެތުލެޓިކޯއަށް ކުޅުނު 9 މެޗާއި ބާސެލޯނާއަށް ކުޅުނު 191 މެޗުންނެވެ. ރޭގެ މެޗުގައި އެތުލެޓިކޯ ކެޕްޓަން ކޮކޭ ވަނީ 197 މެޗު ހަމަކޮށް ކުލަބުގެ ތާރީހުގެ އެންމެ ގިނަމެޗު ކުޅުމުގެ ޝަރަފު ހޯދާފައެވެ.

ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލެވަންތޭ ވަނީ ތާވަލުގެ ކުރީގައި އޮތް ރެއާލް ސޮސެއިދާދް 2-1 ލަނޑުން ބަލިކޮށްފައެވެ. ވިލަރެއާލް ވަނީ އޮސެސޫނާ އަތުން 3-1 ލަނޑުން މޮޅެވެފައެވެ. ސެވިއްޔާ ވަނީ ރެއާލް ވަލަޑޮލިޑާ ވާދަކޮށް 1-1 ލަނޑުން އެއްވަރުވެފައެވެ.

ރޭގެ ނަތީޖާ ތަކާއެކު އެތުލެޓިކޯ އެއްވަނައިގަ އޮތީ 12 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ސޮސެއިދާދް ދެވަނައިގަ އޮތީ 15 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ވިޔަރެއާލް ހަތަރުވަނައިގަ އޮތީ 14 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ސެވިއްޔާ 6 ވަނައިގަ އޮތީ ބާސެލޯނާއަށް ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން 20 ޕޮއިންޓާއެކުއެވެ.