އިނގިރޭސި ލީގުގައި ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް ބަލިކޮށް ލިވަޕޫލުން އެއްވަނައިގަ ލީޑް ފުޅާކށްފިއެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނިޔޯ ދެލަނޑު ކާމިޔާބު ކުރިއިރު އެޓީމުގެ މުހަންމަދު ސަލާހް ވެސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. ދެން ލިވަޕޫލަށް ލަނޑުޖަހައިދިނީ ޓަކުމީ މިނަމީނޯ އާއި ސާދިއޯ މާނޭގެ އިތުރުން ކެޕްޓަން ޖޯޑަން ހެންޑެސަންއެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖެހި މިނަމީނޯ ވެފައިވަނީ އިނގިރޭސި ލީގުގައި ލަނޑުޖެހި ޖަޕާނުގެ ހަތްވަނަ ކުޅުންތެރިޔާއަށެވެ. މިނަމީނޯ މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ 125 ސިކުންތެރޭގައިއެވެ. މިއީ 2014ވަނަ އަހަރު ރިކީ ލަންބާޓް ލިވަޕޫލަށް 90 ވަނަ ސިކުންތުގައި ލަނޑެއް ޖެހިފަހުން ލިވަޕޫލުން ރަށުން ބޭރުގައި ޖެހި އެންމެ އަވަސްލަނޑެވެ. ރޭގެ މެޗުގެ ދެވަނަ ލަނޑުޖެހި މާނޭ ވަނީ އެންމެފަހުން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު ހަތްމެޗުގައި ވެސް ލަނޑުޖަހާފައެވެ.
މެޗުގައި ލިވަޕޫލްގެ ތިންވަނަ ލަނޑުޖެހި ފިރްމީނިޔޯ އަށް ލިވަޕޫލުން ކުޅުނު ހަމެޗުގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ވަނީ އެންމެފަހުން ލިވަޕޫލް ކުޅުނު ދެމެޗުގައި ތިންލަނޑު ޖަހާފަ. ރޭގެ މެޗުގައި ތިންވަނަ ލަނޑުޖަހަން އެހީވި ރޮބާޓްސަން ވަނީ ލީގުގައި 28 ލަނޑުޖަހަން އެހީތެރިވެފައެވެ. މިއީ ސިޓީގެ ކެވިން ޑި ބްރޭނާ ލަނޑުޖަހަން އެހީވި އަދަދާ އެއްވަރު އަދަދެކެވެ.
ރޭގެ މެޗުގައި ފަހު ދެލަނޑުޖެހި މުހައްމަދު ސަލާހް ވަނީ ފިރްމީނޯ އާއި ދެކުޅުންތެރިން އެކުގައި ލީގުގައި 17 ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދީފައެވެ. މިއީ 2019 ވަނަ އަހަރުފަހުން ސަލާހް، މާނޭ އަދި ފިރްމީނިޔޯ މި ތިން ކުޅުންތެރިން ލަނޑުޖެހި ފުރަތަމަ މެޗެވެ. މި ތިން ކުޅުންތެރިން އެކުވެގެން މިހާތަނަށް ލިވަޕޫލަށް ވަނީ 280 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ޕެލެސްގެ ތާރީހުގައި ހަތް ލަނޑުން އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މިއީ 1989 އަހަރުގެ ފަހުން ލިވަޕޫލުން ރަށުން ބޭރުގައި ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. ރޭގެ ހޯދި މޮޅާއެކު ލިވަޕޫލްގެ ކޯޗު ވަނީ 127 މެޗުން މޮޅުވެ އެންމެ ގިނަމެޗުން މޮޅުވުމުގެ ރެކޯޑް ހަދާފައިވާ ކުރީ ކޯޗު ރަފޭލް ބެނިޓޭޒް ފަހަތަށް ޖައްސާލާފައެވެ.
މި މޮޅާއެކު ލިވަޕޫލްވަނީ ލީގުގެ ތާވަލުގެ އެއްވަނައިގަ ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ލިވަޕޫލް މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ރޭ މެންޗެސްޓަރ ސިޓީ ވަނީ ރަށުން ބޭރުގައި ސައުތުހެމްޓަން ބަލިކޮށް ގަދަ ހަތަރަކާ ގާތަށް ޖެހިލާފައެވެ. ސީޓީ މެޗު ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ ވަރަށް ކުރީ ކޮޅު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މެޗުން ހޯދި ތިން ޕޮއިންޓާއެކު ސިޓީ މިވަގުތު ތާވަލުގެ 6 ވަނައިގަ އޮތީ 13 މެޗުން 23 ޕޮއިންޓް ހޯދައިގެންއެވެ.