ވިޔަފާރި

މާލޭގައި އިތުރު "ޕިކް ޕޯސްޓް" ސްޓޭޝަނެއް ހުޅުވައިފި


މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެއިލް ޑެލިވަރީ ނިޒާމު ހަރުދަނާ ކުރުމަށް ގްރޭޓަރ މާލެ ސަރަޙައްދުގައި އިތުރު ޕިކް ޕޯސްޓެއް ހުޅުވައިފިއެވެ.

ގްރޭޓަރ މާލެ ބަސް ޓަރމިނަލުގައި ހުޅުވި އައު ޕިކް ޕޯސްޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލްއެވެ.

އައު ޕިކް ޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކާގޯ ޚިދުމަތް ދޭ ފަރާތްތަކުންވެސް ޕޯސްޓްގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ޢިމާރާތްކުރާ ފަރާތްތަކުންވެސް ޕޯސްޓް ޑެލިވަރީކުރުމަށް ފަސޭހަވާނެ ގޮތަކަށް ޢިމާރާތް ފަރުމާކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަލީޙް ވިދާޅުވީ ޕޯސްޓްގެ ޚިދުމަތް ނެތިދާނެ ކަމަށް ބެލެވިފައި ވަނިކޮށް މިއަދު ޒަމާނާ އެއްގޮތަށް ޚީދުމަތްތައް ބަދަލުވެފައިވާކަމަށެވެ.

"ޒަމާނަށް އައި ބަދަލުތަކާއެކު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ނެތިދާނެކަމަށް ބެލެވިފައި ވަނިކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ވަނީ ޒަމާނާ އެއްގޮތަށް އީ-ޓުކުރި އަދި ޕިކް ޕޯސްޓްގެ ތަޢާރަފުކޮށްފައި." މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

ޕިކް ޕޯސްޓް ނިޒާމަކީ ސެލްފް ސަރވިސް ޑެލިވަރީ ސްޓޭޝަންތަކެއްގެ ގޮތުގައި ގާއިމުކޮށްފައިވާ ޑެލިވަރީ ނިޒާމެކެވެ. އައު ސްޓޭޝަނާއެކު މިހާރު ގްރޭޓަރ މާލެ ސަރަޙައްދުގައި 4 ޕިކް ޕޯސްޓް ސްޓޭޝަން ވަނީ ގާއިމުކުރެވިފައެވެ.

ޕިކް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަފީގު މުޙައްމަދު ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުގައި މިފަދަ ސްޓޭޝަންތައް ގާއިމުކުރަމުންދަނީ ސަރުކާރުގެ ޢާއްމު ޚިދުމަތްތައް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.
އަދި މިހާރުވެސް ޕިކް ޕޯސްޓްގެ 2 ސްޓޭޝަނެއްގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕޯސްޓުގެ ޚިދުމަތް ރާއްޖޭގައި މިވަގުތު ދެމުންގެންދަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެ ޚިދުމަތް ފޯރުކޮށްދޭ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ދެމުންގެންދަނީ ޔުނިވަރސަލް ޕޯސްޓަލް ސަރވިސަސް އިން ކަނޑައަޅާފައިވާ ގޮތަށް. އެގޮތުން އެހެން ގައުމުތަކުންވެސް ދެމުންދާ ޚީދުމަތްތައް ރާއްޖެއިންވެސް ލިބެން ހުންނާނެ. އަދި މިސްރާބު ހުރީ މިހާރަށްވުރެ ވެސް ޚިދުމަތް ފުޅާކުރުމަށް" ޝަފީގު ވިދާޅުވިއެވެ.

ރާއްޖޭގައި ފޯރުކޮށްދެމުންދާ ޕޯސްޓްގެ ޚިދުމަތަކީ 114 އަހަރު ވެފައިވާ ޚިދުމަތެކެވެ.

ޢާއިޝާ

ވިލި މާލޭގައި ކޮންއިރަކުންތޯ އޭގެ ތަނެއް ހުޅުވާނީ؟ ކޮންމެ ފަހަރަކު މާލެ ދާންޖެހޭތީ ވަރަށް އުނދަގޫވޭ.