ޚަބަރު

އާސެނަލް އެއްވަރުވެ ލީގުގައި ކުރިއަށް ދިއުމަށް އިތުރު ހުރަސްތަކެއް


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލް ކުޅުނު މެޗު އެއްވަރުވެ އަނެއްކާވެސް ލީގުގައި ކުރިޔަށް ދިޔުމަށް އިތުރު ހުރަސްތަކެއް ކުރި މަތިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް އެއްވަރުވީ ސައުތުހެމްޓަންއާ ވާދަކޮށް 1-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ސައުތުހެމްޓަނުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ތިއޯ ވޮލްކޮޓްއެވެ. މި ލަނޑާއެކު އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ވޮލްކޮޓް ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ 38 އަށް އަރާފައެވެ. މި އަދަދަ އޭނައާ އެންމެ ގާތުން ވާދަކުރަނީ އާސެނަލްގެ ކުރީގެ ދެ ކުޅުންތެރިންކަމަށްވާ އޮލިވިއޭ ޖިރޫޑް އާއި ވެންޕާސީ. އޮލިވެއޭ ޖިރޫޑް 40 ލަނޑު ޖަހާފައިވާއިރު ރޮބިން ވެންޕާސީ ޖަހާފައިވަނީ 46 ލަނޑެވެ. މިއީ އެމިރޭޓްސް ދަނޑުގައި ވޮލްކޮޓް އޭނާގެ ކުރީގެ ކުލަބާ ދެކޮޅަށް ސައުތުހެމްޓަންގެ ޖާޒީގަ ކުޅުނު ފުރަތަމަ މެޗެވެ.

އާސެނަލްއިން ނަތީޖާ ހަމަހަމަކުރީ 2ވަނަ ހާފްގައި އެމްރިކް އައުބަމަޔަން ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ 2ވަނަ ހާފްގައި އާސެނަލްގެ ގެބްރިއަލް މަންގާޅީސް އަށް ވަނީ 2ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެންމެފަހުން ލީގުގައި ކުޅުނު 9 މެޗުގެ ތެރެއިން އާސެނަލް އަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން އާސެނަލްއަށް ހޯދުނީ 14 ޕޮއިންޓެވެ.

ރޭ ލީގުގައި ލީޑްސް ޔުނައިޓެޑު ވަނީ ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށް 5-2 މޮޅުވެފައެވެ. ރޭގެ މެޗުގައި ލީޑްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި ޕެޓްރިކް ބެންފޯޑް ވަނީ ބިއެލްސާގެ ކޯޗުކަމުގައި މިހާތަނަށް ލީޑްސް ޔުނައިޓެޑަށް 34 ލަނޑު ކާމިޔާބުކޮށްދީފައެވެ. ރޭ ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު އެވަޓަން ވަނީ ރަށުން ބޭރުގައި ލެސްޓާގެ މައްޗަށް 2-0 ލަނޑުން ކުރިހޯދާފައެވެ. ފުލަމް ބްރައިޓަން މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ކްރިސްޓަލް ޕެލޭސް ވެސްޓްހަމް ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

ރޭގެ ނަތީޖާތަކާއެކު އާސެނަލް ލީގުގެ 15 ވަނައަށް ވެއްޓުނުއިރު އެވަޓަން ވަނީ 23 ޕޮއިންޓް ހޯދައިގެން ލީގްގެ 5 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. އެއީ 4ވަނައިގަ އޮތް ލެސްޓާ ސިޓީއާއި 3ވަނައިގަ އޮތް ސައުތުހެމްޓަންއަށް ވުރެ އެއްޕޮއިންޓް މަދު އަދަދެކެވެ. ރޭ ހޯދި މޮޅާއެކު ލީޑްސް ޔުނައިޓެޑު ވެސް ވަނީ 17 ޕޮއިންޓާއެކު ލީގުގެ 13ވަނައަށް ކުރިޔަށް ޖެހިލާފައެވެ. މެޗު އެއްވަރުވުމުން ވެސްޓްހޭމް ވަނީ 7 ވަނައަށް ވެއްޓިފައެވެ.