ކުޅިވަރު

ލެވަކޫސަން ލީގުގެ ކުރީގައި އެއްޕޮއިންޓުގެ ލީޑެއް


ޖަރުމަނު ބުންޑަސްލީގާގައި ބަޔާން މިއުނިކް ފަހަތަށް ޖައްސަލައި ލީގުގެ ކުރީގައި އެއްޕޮއިންޓުގެ ލީޑެއް ބަޔާ ލެވަކޫސަން ނަގައިފިއެވެ.

ރޭ ލީގުގައި ލަވެކޫސަން ވަނީ ރަށުން ބޭރުގައި ކުލޯން މައްޗަށް 4-0 ލަނޑުން ކުރި ހޯދާފައެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅެ ބަޔާން މިއުނިކް ވަނީ ވުލްވްސްބާގް މައްޗަށް 2-1 ލަނޑުން ކުރި ހޯދާފައެވެ. މެޗުގައި ބަޔާން ޖަހައިދިން ދެލަނޑާއެކު ބަޔާންގެ ރޮބާޓް ލެވަންޑޮސްކީ ބުންޑަސް ލީގާގައި ޖެހި ލަނޑުގެ އަދަދުވަނީ 250 އަރާފައެވެ.

މި ސީޒަންގައި ލީގުގައި ޖެހި 13 ލަނޑާއެކު މިވަގުތު ޔޫރަޕުގެ ލަނޑު ލިސްޓުގެ ލީޑްކުރަމުން ދަނީ ލެވޮންޑެސްކީއެވެ. އޭނާ އެންމެ ގާތުން ވާދަކުރާ އިނގިރޭސި ކުލަބް ޓޮޓްނަމްގެ ސޮން ޖެހިފައިވަނީ 11 ލަނޑެވެ. މި ސީޒަންގައި ހުރިހާ މުބާރާތަކާ އެއްކޮށް ބާޔާން އަށް ލެވޮންޑެސްކީ ވަނީ މިހާތަނަށް 18 ލަނޑު ކާމިޔާބުކޮށްފައެވެ. ހުސްވި ސީޒަންގައި އޭނާ ވަނީ 64 މެޗުން 73 ލަނޑު ކާމިޔާބުކޮށްފައެވެ.

ރޭގަ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލީޕްޒިގް  ހޮފެންހަމް އަތުން 1-0 މޮޅުވިއިރު އޮގްސްބާގް މި ނަތިޖާއިން  މޮޅުވީ އަރްމީނިޔާ ބެއިލަފީލްޑް އަތުންނެވެ. މި ނަތިޖާ އެކު ލެވަކޫސަން އެއްވަނައިގަ އޮތީ 28 ޕޮއިންޓާއެކުއެވެ. ދެވަނައިގަވާ ބަޔާން އާއި ތިންވަނައިގަވާ ލީޕްޒިގަށް ލިބުނީ 27 ޕޮއިންޓެވެ. ޑޯޓްމަންޑް ހަތަރުވަނައިގަ އޮތީ 22 ޕޮއިންޓާއެކުއެވެ.