ދުނިޔެ

މި އަހަރު ނިމުމުގެ ކުރިން ވިލާތުގައި ވެކްސިން ދެނީ


މި އަހަރު ނިމުމުގެ ކުރިން ވިލާތުގެ ޤައުމުތަކުގައި ކޯވިޑް ވެކްސިން ދޭން ފެށޭނެކަމަށް އެ ޤައުމުތަކުން ބުނެފިއެވެ. ވިލާތުގެ ޤައުމުތަކުގައި މިހާތަނަށް 20 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑްޖެހި 467،000 މީހުންވަނީ މަރުވެފައެވެ.

ވިލާތުގެ ގިނަ ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު އަދިވެސް ހަލުވިކަމާއިއެކު އިތުރުވަމުންދާތީ، ގިނަ ޤައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ. ޤައުމުތަކުގެ ޙާލަތު ގޯސްވަމުންދާތީ، ދަ ޔޫރަޕިއަން މެޑިސިންސް އޭޖެންސީ، އީއެމްއޭއަށްވަނީ ބައްޔާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ވެކްސިނަށް ޙުއްދަ ދިނުމުގެ މަސައްކަތް އަވަސްކުރުމަށް މަޖުބޫރުވެފައެވެ.

ވިލާތުގެ ވެކްސިނާއި ބޭސްފަދަ ތަކެއްޗަށް ޙުއްދަ ދިނުމާއިގުޅޭ ގޮތުން ލަފާދޭ އީއެމްއޭއިން ބުނީ ޑިސެމްބަރު މަހުގެ 21ވަނަ ދުވަހުގައި އެމެރިކާގެ ފައިޒާ ކުންފުނިން އުފައްދާފައިވާ ކޯވިޑް ވެކްސިނާއި ގުޅޭ މަޢުލޫމާތުތައް ދިރާސާކުރަން ފަށާނެކަމަށެވެ. މީގެ ކުރިން ޑިސެމްބަރު މަހުގެ 29ވަނަ ދުވަހުގައި ބޭއްވުމަށް ރާވާފައި އޮތް ބައްދަލުވުން އަވަސްކުރުމަށް ނިންމީ އީއެމްއޭގެ ހުށަހެޅުމާއި އެއްގޮތަށް ފައިޒާ ވެކްސިނާއިބެހޭ އައު މަޢުލޫމާތު ހުށަހަޅާފައިވާތީ ކަމަށާއި، ވެކްސިން ބޭނުންކުރުމުގެ ޙުއްދަދިނުމަށް ފުރިހަމަކުރަންޖެހޭ މަރުހަލާތައް އަވަހަށް ފުރިހަމަކުރުމަށް އީޔޫ ކޮމިޝަނުން މަސައްކަތްކުރަމުންދާކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެކްސިނަށް ޙުއްދަ ދެވޭނެކަމަށް ބެލެވޭކަމަށް އެ އިދާރާއިން ބުންއެވެ.

ވެކްސިނަށް ޙުއްދަ ދިނުމުގެ 24 ގަޑިއިރާއި 72 ގަޑިއިރުގެ ތެރޭގައި ވިލާތުގެ ޤައުމެއްކަމަށްވާ ޖަރުމަނުވުލާތުގައި ވެކްސިން ދޭން ފަށޭނެކަމަށް އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވަޒީރު ހެންސް ސްޕާން ވިދާޅުވިއެވެ. އެގޮތުން ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުގައި ވެކްސިން ދިނުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

އީޔޫ ކޮމިޝަންގެ ރައީސާ، އަރްސަލާ ވޮން ޑަރ ލެޔަންވެސްވަނީ ހަމަ އެ މޭރުމުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ 2020ވަނަ އަހަރު ނިމުމުގެ ކުރިން ވިލާތުގެ ރައްޔިތަކަށް ފުރަތަމަ ފަހަރަށް ކޯވިޑް-19 ވެކްސިން ދެވޭނެކަމަށް ބެލެވޭކަމަށެވެ.

ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އިޓަލީވިލާތް އަދި ވިލާތުގުގެ އިއްތިޙާދަށް ނިސްބަތްވާ އިތުރު ފަސް ޤައުމަކުން ވެކްސިން ދިނުމުގެ މަސައްކަތްކުރާނީ އެކުގައިކަމަށް އެ ޤައުމުތަކުގެ ޞިއްޙަތާއިބެހޭ ވަޒީރުން އެކުގައި ނެރުއްވާފައިވާ ބަޔާނެއްގައިވަނީ ބުނެފައެވެ. އެގޮތުން ވެކްސިން މަޝްރޫޢުތައް ފެށުމުގެ މަސައްކަތް ރޭވުމުގައި އެކުގައި މަސައްކަތްކޮށް، އެ މަޝްރޫޢުތައް ކުރިއަށްދާ ގޮތާއިބެހޭ މަޢުލޫމާތުތައް ޤައުމުތަކުގެ މެދުގައި ޙިއްޞާކުރަމުންދާނެކަމަށް އެ ބަޔާނުގައިވެއެވެ.