ޚަބަރު

ފަރުތައް ބައްލަވާލެއްވުމަށް މިނިސްޓަރ ފައްޔާޒު ކަނޑުއަޑިއަށް


ރާއްޖޭގެ ފަރުތަކުގެ ރީތިކަމުގެ ވާހަކައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ވާހަކައެކެވެ. ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ހާސް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން މިފަރުތައް ބަލާލުމަށް ރާއްޖެ ޒިޔާރަތްކުރެއެވެ. އޭގެ ތެރޭގައި މަޝްހޫރު ސެލްބްރިޓީން ފެށިގެން އެކި ގިންތިތަކުގެ މީހުން ހިމެނެއެވެ.

ފަތުރުވެރިންގެ އިތުރުން ދިވެހިންނަކީވެސް ފަރުތަކުގެ ރީތިކަން ބަލާލުމަށް ބޭނުންވާ ބައެއްކަން ސޯޝަލް މީޑިއާއިން ފެންނަ ޕޯސްޓްތަކުން ހާމަވެއެވެ. އަދި ސްނޯކްލިންގ އަދި ޑައިވްކުރުމަކީ ވަކި އުމުރެއްގެ ވަކި ބަޔަކަށް ޚާއްސަ ކަމެއް ނޫންކަންވެސް މިފަދަ ޕޯސްޓްތަކުން ހާމަވެއެވެ.

ޑައިވްކުރުމާއި ގުޅޭ އެކި ޕޯސްޓްތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މިހާރު ގިނަ ބައެއްގެ ސަމާލުކަން ލިބިގެން އުޅެނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒު އިސްމާޢީލް ޑައިވް ކުރައްވާ ތަން ފެންނަ ވީޑިއޯއެކެވެ.

މިނިސްޓަރ ފައްޔާޒު ވަނީ އެމަނިކުފާނު ޑައިވް ކުރައްވާތަން ފެނިވަޑައިގަންނަވާ ވީޑިއޯ ޓްވިޓަރގައި އާއްމުކުރައްވާފައެވެ. އެ ޓްވީޓްގައި ފައްޔާޒް ވިދާޅުވީ ޑައިވްކުރުމަކީ އެމަނިކުފާނު އަލަށް ކުރެއްވި ކަމެއްކަމަށެވެ. އަދި ވިލިމާލޭގެ ޑައިވަރސް ލޮޖް މޯލްޑިވްސްގެ ޑައިވަރުންނާއެކު ޑައިވްކުރެވުމަކީ ކުރެވުނު ވަރަށް ރަނގަޅު ތަޖުރިބާއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ފައްޔާޒްގެ އިތުރުންވެސް، ގިނަ ބަޔަކު ޑައިވްކުރުމަށްފަހު އެމީހުންގެ އިހުސާސްތައް ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ޑައިވްކޮށް ރާއްޖޭގެ ރީތި ފަރުތައް ބަލާލުމަކީ މިއަދު ގިނަ ޢަދަދެއްގެ ޒުވާނުން އާއްމު ގޮތެއްގައި ކުރާ ކަމަކަށް ވަނީ ވެފައެވެ. އަދި ޑައިވް ކުރުމާއި ސްނޯކްލިން ކުރުމުގެ ތަޖުރިބާތަކާއި ރާއްޖޭގެ ރީތި ފަރުތަކުގެ ފޮޓޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޒުވާނުން ދަނީ ހިއްސާކުރަމުންދެއެވެ. ދާދި ފަހުން ލޯފަން ޒުވާނަކުވެސް ވަނީ ޑައިވްކުރުމަކީ ލޮލަށް ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށްވެސް ކުރެވިދާނެ ކަމެއްކަން މުޖުތަމަޢަށް ސާބިތުކޮށްދީފައެވެ.

ސްނޯކްލިންގ ކުރުމާއި ޑައިވް ކުރުމަށް ލޯބިކުރާ ދިވެހިންގެ އަދަދު އިތުރުވަމުންދާ މި ދަނޑުވަޅުގައި މިކަން ކުރުމުގައި ރައްކާތެރިކަމާއި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެހެންނޫންނަމަ ހިތާމަވެރި ހާދިސާތައް ހިނގުމަކީ ގާތްކަމެކެވެ.