މިމަސް ނިމުމުގެ ކުރިން މާލެ ސަރަހައްދުގެ %90 ގެސްޓްހައުސް ހުޅުވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފިއެވެ.
މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިއަދުން ފެށިގެން ދޭން ވަނީ ނިންމާފައެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވީ، މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމަށް މިހާރުވެސް ހުއްދައަށް އެދެމުން އަންނަކަމަށެވެ. ހުޅުމާލޭގައި ގާތްގަނޑަކަށް 1400 އެނދު، މާލޭގައި 1000 އެއްހާ އެނދު އަދި ވިލިމާލޭގައި 100 އެއްހާ އެނދު ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ގެސްޓް ހައުސްތައް އަލުން ހުޅުވާލެވޭނެކަމަށް އަންދާޒާކުރާކަމަށް ރައްޒާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އުއްމީދުކުރަނީ މިނިސްޓްރީން އަންދާޒާ ކުރަނީ ޑިސެމްބަރު ނިމޭއިރު ގާތްގަނޑަކަށް ހަމަ 90 އެއްހާ އިންސައްތަ މި ސަރަޙައްދުގައި މިހުރި އެނދުތައްވެސް އޮޕަރޭޝަނަށް އަންނާނެކަމަށް. މިހާރުވެސް އަޅުގަނޑުމެންނަށް ވަކިވަކި ޕްރޮޕަޓީތަކުގެ އެސް.އޯ.ޕީތައް ލިބެމުން އެބަދޭ. އަޅުގަނޑުމެންގެ ޓީމްތަކުން އެދަނީ އެސް.އޯ.ޕީތައް ގޯތުރޫކޮށް ރަނގަޅުކުރަން ނުވަތަ އިސްލާޚުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށްފަހު ހަމަ ހުއްދަދެމުން. މާދަމާއިން ފެށިގެން ހުއްދައަށް އެދެމުންދާ ވަރަކަށް ނޯމަލް އޮޕަރޭޝަނަށް މާލޭ ސަރަޙައްދުގެ ގެސްޓްހައުސްތައްވެސް އަންނަމުންދާނެ." ރައްޒާން ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުންދިޔަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލޭ ސަރަހައްދުގެ ހޮޓާ ގެސްޓްހައުސްތަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކުރީ މިދިޔަ މާޗުމަހުގެ 13 ވަނަ ދުވަހުއެވެ. އަދި މާޗުމަހުގެ 17 ވަނަ ދުވަހު މުޅި ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކެއް ބަންދުކުރިއެވެ. އޭގެފަހުން މާރިޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރިއެވެ. އަދި އަލުން ބޯޑަރު ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލިފަހުން މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ޓްރާންސިޓް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެެވެ.
މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލަން ހުއްދަ ދިނުމާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ހުރިހާ ފެސިލިޓީއެއް ވަނީ އަލުން އޮޕަރޭޝަނަށް ނިކުމެފައެވެ. ނަމަވެސް ކޮންމެ ފެސިލިޓީއަކަށްވެސް ހުޅުވުމުގެ ހުއްދަ ދެނީ ވަކި ޙާއްސަ ގައިޑްލައިނެއް ކަނޑައަޅައި، އެ ގައިޑްލައިންއަށް އަމަލުކުރާނަމައެވެ.